މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފަހު ޖާގަ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގައެއް ފަޔާޒާއި ޝާވިން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު މެޗުން މޮޅުވެގެންނެވެ. ސެމީގައި ފަޔާޒާއި ޝާވިން ނުކުތީ މުހައްމަދު ޝާހިލް ހަމީދާއި އަހުމަދު ނަފީލުގެ ޕެއާއާ ދެކޮޅަވެ.

އެ މެޗުން ފަޔާޒާއި ޝާވިންގެ ޕެއާ މޮޅުވީ 7-3 ފްރޭމުންނެވެ. ޑަބަލްސް އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާނީ ފަޔާޒާއި ޝާވިންގެ ޕެއާ އާއި އަހުސަން ހާޝިމާއި އައްބާސް ސައީދުގެ ޕެއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.

މިމަހުގެ އެކަކުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ.

ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.