އެސްޓަންވިލާގެ ކޯޗު ސްޓީވަން ޖެރާޑް ކޮވިޑަށް ފައްސިވެ މިރޭ ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗާއި އަންގާރަ ދުވަހު ލީޑްސްއާއި ދެކޮޅަށް ކުޅެން އޮތް މެޗު ގެއްލިއްޖެ އެވެ.

މިއީ ކޮވިޑުގެ ހާލަތާއި ގުޅިގެން ޖެރާޑު މިހާތަނަށް ކަރަންޓީނުގައި ހުންނަންޖެހުނު ދެވަނަ ފަހަރެވެ. އޭނާ ރޭންޖާސްގެ ކޯޗުކަމުގައި ވެސް މި ހާލަތު ކުރިމަތިވިއެވެ.

ޖެރާޑް ކޮވިޑަށް ފައްސިވިކަން ހާމަވީ މި ހަފުތާގެ ޕްރިމިއަރ ލީގު މެޗުތަކުގެ ކުރިން އާދައިގެމަތިން ހަދަމުން އަންނަ ޕީސީއާރު ޓެސްޓުތަކުންނެވެ.

އެސްޓަންވިލާގެ ކޯޗަށް މުހިއްމު ދެ މެޗު ގެއްލޭއިރު އެސްޓަންވިލާގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މދިޔަ ހޮނިހިރު ދުވަހު ބާންލީއާއި ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފައެވެ.

އެސްޓަންވިލާގެ ކޯޗުކަމުގެ މަގާމަށް ޖެރާޑް އައީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އޭނާ އެ މަގާމާއި ހަވާލުވިފަހުން ލީގުގައި މިހާތަނަށް އެސްޓަންވިލާ ވަނީ ހަ މެޗު ކުޅެފައެވެ. އޭގެތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ. ބަލިވީ މެންޗެސްޓަރ ސިޓީއާއި އޭނާގެ ކުރީގެ ކުލަބު ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޕްރިމިއަރ ލީގުގެ ކުލަބުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެ މިހާާތަނަށް ގިނަ މެޗުތަކެއް ވަނީ ފަސްކޮށްފައެވެ. މިހާތަނަށް 13 މެޗެއް ކޮވިޑާއި ގުޅިގެން ފަސްކުރިއިރު މި އަދަދު އިތުރުވުން ގާތެވެ.