އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވެ މެޑަލް ލިބުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ނޭޕާލާއި ދެކޮޅަށް ރަނގަޅު ވާދައެއް ކުރި މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 27-25، 25-19 އަދި 25-23 އިންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު ދެވަނަ މެޗުގައި ރާއްޖެ ސެޓެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރާ އުޒްބަކިސްތާނުން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

ބޮޑެތި ތައްޔާރީތަކެއް ވި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅޭ ފަހު މެޗުގައި ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއާއެވެެ. ރާއްޖެއިން ވަނީ ލަންކާއާއެކު މާލޭގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. މި ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައި ވަނީ ލަންކާއެވެ.

މި ތިން މެޗަށްފަހު ގައުމީ ޓީމު ވަނީ އިންޑިއާގެ ކުލަބަކާއި ދެކޮޅަށްވެސް ތިން މެޗު ކުޅެފައެވެ. މި ތިން މެޗު ކާމިޔާބުކޮށްފައި ވަނީ ރާއްޖެއިންނެވެ.

ރަނގަޅު މެޗުތަކެއް ލިބުނު ނަމަވެސް މިފަހަރުގެ މުބާރާތާއި ފިރިހެން ޓީމު ކުރިމަތިލީ ބޮޑެތި ގޮންޖެހުންތަކާއި އެކުގައެވެ. އެގޮތުން މުބާރާތް ފަށަން ދުވަސް އޮއްވާ ޓީމު ފުރަން އެއާޕޯޓަށް ދިޔަފަހުން ކުޅުންތެރިންތަކަކަށް ކޮވިޑުގެ ހާލަތު ދިމާވުމުން ނުފުރުނެވެ.

ރާއްޖެއަށް މުބާރާތަށް ދެވުނީ ފުރަތަމަ މެޗު ކުޅެން އޮތް ދުވަހުގައެވެ. ތިން ބަޔަކަށް ބަހާލައިގެން ޓީމު މުބާރާތް ބާއްވާ ބަންގްލަދޭޝްއަށް ދިޔައިރު ފުރަތަމަ މެޗުގައި ކުޅެވޭނެ ވަރަށް ޓީމު ހަމަވީ ކިރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މަހްލޫފް ކައިރީބުނެގެން ކޮންމެކުއްޖަކަށް މެޑަލްއެއްގަނެލާ

  2. ރެފްރީ

    އިދިކޮޅޭމެންބޭނުންވަނީބަލިވާން.. ފުރަތަމަކުރަންވީކަމަކޭ އިދިކޮޅޭމެން ބަލިކުރަންވީ!!!

    1
    1