އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮޮން) ގައި ސަޑިއޯ މާނޭގެ ބޮލަށް ގެއްލުންވި ނަމަވެސް ކޭޕް ވާޑް ބަލިކޮށް ސެނެގާލް މުބާރާތުގެ ގަދަ އަށަކަށް ދަތުރުކޮށްފި އެވެ.

މި މެޗުގައި މާނޭގެ ބޮލަށް ސީރިއަސް އަނިޔާއެއްވެ ގިނަ ވަގުތަށް ކުޅުން ހުއްޓާލަން ޖެހުނު ނަމަވެސް ސެނެގާލް މި މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތިޖާއަކުންނެވެ.

މި މޮޅާއެކު މުބާރާތުގެ ގަދަ އަށެއް ނުވަތަ ކުއާޓާފައިނަލުގައި ސެނެގާލް ބައްދަލުކުރަން ޖެހޭނީ މާލީ އާއި އިކުއެޓޯރިއަލް ގިނީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޭޕް ވާޑްގެ ފަރާތުން ގިނަ ފައުލުތަކެއް ފެނުނު މި މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާފައިވެއެވެ. އެންމެ ފުރަތަމަ ރަތްކާޑު ދެއްކީ އެ ޓީމުގެ މިޑްފީލްޑަރު ޕެޓްރިކް އެންޑްރާޑޭ އަށެވެ. އޭގެފަހުން ދެވަނަ ކާޑު ދެއްކީ މެޗުގެ 54 ވަނަ މިނެޓުގައެވެ.

މާނޭ ދަނޑު މައްޗަށް ވެއްޓިފައި

މި ރަތްކާޑަކީ މާނޭ އާއި ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިން މުޑިއަރާ ދެ ކުޅުންތެރިންގެ ވެސް ބޮލުން ޖެހުމުގެ ސަބަބުން ވޮޒީނިއާއަށް ދެއްކި ކާޑެކެވެ. އޭގެފަހުން ކުޅުން ގިނަ އިރުތަކަކަށް ހުއްޓާލަން ޖެހި ދަނޑުމަތީގައި މާނޭއަށް ފަރުވާދިނެވެ. ނަމަވެސް އޭނާ އޭގެފަހުން ވެސް ކުޅުނެވެ.

ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ކޭޕް ވާޑް ކޮޅަށް ސެނެގާލްގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި މާނޭ ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި އިރު އެ ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ މާނޭ އަށް ކުޅެވޭ ހާލަތަށްވުރެ ގޯސްވުމުން އޭނާ ބަދަލުކުރި އެވެ.

ގިނަ ބަޔަކު ވަނީ މާނޭގެ ބޮލަށް ގެއްލުންވި ފަހުން އޭނާ ލައްވާ ކުޅުވުމުން ޓީމުގެ މެނޭޖްމަންޓަށް ފާޑުކިޔާފައެވެ.

ސެނެގާލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރުވަގުތުގައެވެ. މިއީ މާނޭގެ ބަދަލުގައި ކުޅެން އެރި އަހްމަދޫ ބެންބާ ކާމިޔާބުކުރި ލަނޑެކެވެ.