ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ޓީމު އަޔެކްސްގައި ފަރިތަކުރަން ފަށައިފިއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރު އަޔެކްސް ޓީމުގައި ފަރިތަކުރުންތައް ފެށީ އޭނާ އެހެން ޓީމަކާއި ގުޅެންދެން ފިޓްނަސް ހިފެހެއްޓުމުގެ ގޮތުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައެވެ. އޭނާ ދަނޑުމައްޗަށް ވެއްޓުމުން ގިނައިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާދިނެވެ. އަދި ފަހުން ހޮސްޕިޓަލަށް ގެންދިޔައެވެ.

މިހާރު އެރިކްސަން ހުރީ އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ހިތަށް ލައްވައިގެންނެވެ. މިއީ ހިތުގެ ވިންދު އެއްވަރަކަށް ހިފަހައްޓަން އެހީވެދޭ ވަސީލަތެކެވެ. އައިސީޑީ ލެއްވުމާއެކު އޭނާ އޭރު ކޮންޓްރެކްޓް އޮތް އިންޓަމިލާނުން އޭނާ ދޫކޮށްލަން މަޖުބޫރުވިއެވެ. އެއީ އެ ލައްވައިގެން ކުޅުމަކީ އެ ގައުމުގައި މަނާ ކަމަކަށް ވާތީއެވެ.

އެރިކްސަން ވަނީ އަޔެކްސްގެ ކުރިން އޭނާގެ އެންމެ ފުރަތަމަ ކުލަބު ކަމަށްވާ ޑެންމާކުގެ އޮޑެންސީގައި ވެސް ފަރިތަކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެރިކްސަން މިހާރު ތައްޔާރުވަނީ އިނގިރޭސި ކުލަބެއް ކަމަށްވާ ބްރެންޓްފޯޑް އަށް ބަދަލުވުމަށެވެ.

ބްރެންޓްފޯޑް އިން އެރިކްސަން އާއެކު ހަ މަސްދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުން އަންނަކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެރިކްސަން އަށް ހުށައަޅާ މި މުއްދަތުގެ ތެރޭގައި އޭނާ ރަނގަޅު ކުޅުމެއް ދައްކާނަމަ އެއްބަސްވުން އާކުރާނެއެވެ.