މިއަދު ފެށުމަށް ހަމަޖެހިފައިވާ "ލިބޭ މަޅި ފުޓްސަލް ޗެލެންޖް 2022" ގެ ސްޕޮންސަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ސްޕޮންސަރުންތަކެއް ވަނީ މި މުބާރާތުގައި އެކި ގޮތްގޮތުން ބައިވެރިވެފައެވެ.

މުބާރާތުގެ އެއް ޕާޓްނަރ އޫދް އަލް ސަބާޔާ އާއެކު ސޮއިކުރުމަށްފަހު

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ވިޔަފާރީގެ މަގްބޫލު ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. މީގެއިތުރުން މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ވަގުތު އަދި ފަހުމިނެޓް އެވެ. އަދި އެހެނިހެން ޕާޓްނަރުންގެ ގޮތުގައި ވެސް ގިނަ ސްޕޮންސަރުންތަކެއް ހިމެނެއެވެ.

މުބާރާތުގެ ޕާޓްނަރ އޮބިއޮން އާއެކު ސޮއިކުރުމަށްފަހު

އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް، ޓޮޕް ތްރީ މޯލްޑިވްސް އެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން މުބާރާތް އިންތިޒާމުކުރާ މަޅި މޯލްޑިވްސް އިން ބުނީ މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ސްޕޮންސަރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަަދި އުއްމީދަކީ ކާމިޔާބުކަމާއި އެކު ސްޕޮންސަރުންގެ އެއްބާރުލުމާއި އެކު މި މުބާރާތް ނިންމުން ކަމަށްވެސް ބުންޏެވެ. އަދި މަޅި މޯލްޑިވްސް އިން ވަނީ ހުރިހާ ސްޕޮންސަރުންނަށް ޝުކުރުއަދާކޮށްފައެވެ.

މުބާރާތުގެ ޕާޓްނަރ ކޮއެލް އާއެކު ސޮއިކުރުމަށްފަހު

މިފަހަރުގެ ލިބޭ މަޅި ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރެކޭ އެއްގޮތަށް ޖުމްލަ 32 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

މުބާރާތުގެ ޕާޓްނަރ ޑްރީމްސް އާއެކު ސޮއިކުރުމަށްފަހު

މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވުނު މަސްއޮޑި ޓައިޓަންސްއެވެ. ޖުމްލަ 32 ޓީމު ބައިވެރިވި މުބާރާތުގެ ޗެމްޕިއަންކަން ޓައިޓަންސް ހޯދީ މުބާރާތުގެ އެއް ފެވަރިޓު ކަމަށްވާ ވަރުގަދަ މަސްއޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ.

މި މުބާރާތަށް މާލޭ ސަރަހައްދުން ބޮޑު ތަރުހީބެއް ލިބިގެންދާއިރު މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. މިއަހަރުގެ މުބާރާތުގައި ވެސް ގިނަ އަދަދެއްގެ ފުޓްސަލް ތަރިން ފެނިގެންދާނެއެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.