ކުލަބް ވެލެންސިއާގެ ޑިފެންސަށް ކުޅެމުން އަންނަ ސްރީލަންކާ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަކްސް ދަންޖެހި މަރުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑަކްސަން ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ މާލޭގައި ދިރިއުޅެމުން އަންނަ އެޕާޓްމެންޓުގައެވެ. މިކަން ވެލެންސިއާގެ ބައެއް ކުޅުންތެރިންވެސް ވަނީ ވަގުތު އަށް ކަށަވަރުކޮށްދީފައެވެ.އު

އުމުރުން 31 އަހަރުގެ ޑަކްސަން ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން އެޕާޓްމެންޓު ބެލި ބެލުމުގައި މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑަކްސަން (ނޫ ޖާރޒީގައި)-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިއާ ކުޅެން އޮތް މެޗުގައި ވެސް ޑަކްސަން ނުފެނެއެވެ. އެއީ މެޗުގައި އޭނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުންނެވެ. ވަގުތު ގެ ނޫސްވެރިން މިއަދު ހަވީރު ދަނޑުގައި ހަރަކާތްތެރިވި އިރުވެސް ޑަކްސަން ދަނޑަކުން ނުފެނެއެވެ.

ސްރީލަންކާ ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ޑަކްސަން އަކީ އެންމެފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ވެސް ލަންކާގެ ފަހަތް ބެލެހެއްޓި ކުޅުންތެރިއެކެވެ.