ގައުމީ ފިރިހެން ވޮލީ ޓީމާއި ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު ކްރޮސްރޯޑްސް މޯލްޑިވްސް އަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ދަތުރަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކްރޮސްރޯޑްސް މޯލްޑިވްސްއާ ދެމެދު ސްޕޯޓްސް އެވޯޑްސް 2022 ގެ އޮފިޝަލް ހޮސްޕިޓާލިޓީ ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމާ ގުޅިގެން ކުރި ދަތުރެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ގަލޮޅު ދަނޑުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު މަހުލޫފެވެ. އަދި ކްރޮސްރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ ކްރޮސްރޯޑްސް މެރީނާ އަދި ހާޑްރޮކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ޓޮލްގާއެވެ.

ގައުމީ ފުޓުބޯޅަ ޓީމުން މި ދަތުރުކޮށްފައި ވަނީ މާރޗް އެކެއްގައެވެ. މި ދަތުރުގައި ފުޓުބޯޅަ ޓީމުން ވަނީ ހާޑްރޮކް ކެފޭގެ ސިގްނޭޗަރ ބާގަރ ކަމަށްވާ "މެސީ ބާގަރ" ތައާރަފްކޮށްފައެވެ. މިއީ ޕީއެސްޖީއަށް ކުޅެމުން އަންނަ ތަރި ލިއޮނަލް މެސީއަށް ހާއްސަކޮށްފައިވާ ބާގަރ އެކެވެ. އެއަށްފަހު ގައުމީ ޓީމުން ވަނީ ކްރޮސްރޯޑްސްގެ ފުޓުބޯޅަ ދަނޑު ކަމަށްވާ "އެމާ ސްޓޭޑިއަމް" ހުޅުވައިދީފައެވެ.

ކްރޮސްރޯޑްސްގައި ގައުމީ ވޮލީ ޓީމު

ކްރޮސްރޯޑްސް މޯލްޑިވްސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކްރޮސްރޯޑްސްގެ ޓީމު މެމްބަރުންގެ އިންޓަރ ޕްރޮޕަޓީ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޤައުމީ ވޮލީ ޓީމަށް ދައުވަތުދީފައެވެ.

ކުރިޔަށްއޮތް ތަނުގައި ވެސް ކްރޮސްރޯޑްސް މޯލްޑިވްސް އިން ގިނަ ހަރަކާތްތަކެއް ޕްލޭންކުރުމަށް ނިންމާފައިވާ ކަމަށް ބުނެއެވެ.

"ސްޕޯޓްސް އެވޯޑްސް 2022 ގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހޮވިފައިވާތީ އަޅުގަނޑުމެން ފަޚުރުވެރިވަން، ރާއްޖޭގެ އެކި ކުޅިވަރު މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތައް ފޯރުކޮށްދީ، އެއްބާރުލުން ދިނުމަށް މިތިބީ ތައްޔާރަށް" ޓޮލްގާ އުނާން ވިދާޅުވިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އިން މިއަހަރު ކުރިޔަށްގެންދަން ނިންމާފަައިވާ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި 54 ވަނަ އޭޝިއަން ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022، ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ، ޖީކޭއޭ ކައިޓް ވޯލްޑް ޓުއާ އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ހިމެނެއެވެ.