ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގެ ކުރިން ޕީއެސްޖީގެ ކީލިއަން އެމްބާޕޭއަށް އަނިިޔާވެ މެޗުން ފެނުމާއި މެދު ސުވާލު އުފެދިއްޖެ އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. މި މެޗު 1-0 އިން ޕީއެސްޖީ ކާމިޔާބުކުރި އިރު އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ އެމްބާޕޭ އެވެ.

އަންނަ ބުރާސްފަތި ދުވަހު ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ ކުރިން އެމްބާޕޭއަށް އަނިޔާވީ ފަރިތަކުރުންތަކުގެ ތެރެއިން ކަމަށް މަޝްހޫރު ގޯލް ޑޮޓްކޮމް އިން މައުލޫމާތުދެއެވެ.

އެމްބާޕޭއަށް ލިބުނު އަނިޔާގެ މިންވަރު ބެލުމުގެ މަސައްކަތް އެ ކުލަބުން ދަނީ ކުރަމުންނެވެ. އަދި ކުޅެވޭނެތޯ ނުކުޅެވޭނެތޯ ނިންމާނީ އެ ޓެސްޓުތަކަށް ބެލުމަށްފަހު ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

ފްރެންޗް ލީގުގައި އެންމެފަހުން ނިމުނު ހޮނިހިރު ދުވަހު ޕީއެސްޖީ ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އެމްބާޕޭ ނުކުޅެއެވެ. އެ މެޗުން ޕީއެސްޖީ ބަލިވީ ނީސް އަތުން 1-0 އިންނެވެ.

އެމްބާޕޭ އަކީ މި ސީޒަނުގައި ޕީއެސްޖީގެ އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 34 މެޗުގައި އެ ޓީމަށް ޖުމްލަ 24 ލަނޑު ޖަހައިދީފައެވެ.