އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ 2-0 އިން މިޑްލްސްބްރާ ބަލިކޮށް ޗެލްސީން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މިޑްލްސްބްރާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ގޯލް މެޗުގެ 15 ވަނަ މިނެޓުގައި ޖެހީ ރޮމެލޫ ލުކާކޫއެވެ. މިއީ މޭސަން މައުންޓް ނަގައިދިން ހުރަހެއްގައި ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ ހަކީމް ޒިޔެޗްއެވެ. އޭރިއާ ބޭރުން ގޯލް ޖެހުމުގައި ކުޅަދާނަ ޒިޔެޗްގެ ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގައި އިތުރު ގޯލްތަކެއް ޖަހަން ޗެލްސީގެ ޖަރުމަނު ފޯވަޑް ޓިމޯ ވާނާ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ.

ޔުކްރެއިނާ ރަޝިއާ އާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޗެލްސީ އަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ އެކު ވެސް އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ، ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީއްސުރެ ޗެލްސީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

ރޭގެ މެޗައްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ. ޓުޗެލް ބުނީ މެޗު ކާމިޔާބުކުރެވުނީ ޓީމެއްގެ ގޮތުގައި ޗެލްސީ ކުޅުނީމަ ކަމަށެވެ.

" އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އަހަރެމެން ކުޅުނީ ވަރަށް ފޯކަސް ކޮށްގެން. ޓީމެއްގެ ގޮތުގައި ޑިފެންޑު ކޮށް އެޓޭކު ކުރީ ވެސް. ވަރަށް ހަމަޖެހިލައިގެން މެޗު ކޮންޓްރޯލް ކޮށްގެން އަހަރެމެން ކުޅުނީ. މިއީ ރަނގަޅު ނަތީޖާއެއް. ކުޅުންތެރިން ތިބީ ވަރަށް ޕޮޒިޓިވް ކޮށް، " ޓުޗެލް ބުންޏެވެ.

އެފްއޭ ކަޕްގެ ސެމީގެ ބާކީ ހުރި ޖާގަތައް ކަށަވަރުވާނީ މިރޭގެ މެޗުތަކަށް ފަހުއެވެ. މިރޭ ކުއާޓާގެ ތިން މެޗެއް ކުޅޭނެއެވެ. ސައުތެމްޓަން އިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭއިރު ކްރިސްޓަލް ޕެލަސް ކުޅޭނީ އެވަޓަންއާ އެވެ. ލިވަޕޫލުން ނުކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ. .