ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން 4-0 އިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައި، އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

އެލް ކްލަސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި މެޗާ ދެ ޓީމުން ކުރިމަތިލިއިރު ރެއާލް ވަނީ އެންމެ ފަހުން ކުޅުނު ފަސް ކްލަސިކޯ ވެސް ކާމިޔާބުކޮށްފައެވެ. މެޗައް ނުކުތް އިރު ފޭވަރިޓުންގެ ގޮތުގައި ރެއާލް އޮތް ނަމަވެސް މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބާސާ އަށް އިތުރުވި ކުޅުންތެރިން ތަފާތު ދެއްކި މި މެޗުން ބާސާ މޮޅުވީ ފަސޭހަކަމާއެކުއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ އިން ޖެހި ފުރަތަމަ ގޯލް 29 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޖެހީ ޕިއެރެ އެމެރިކް އޮބަމަޔަންގްއެވެ. އެ ގޯލަށްފަހު ރެއާލަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް 38 ވަނަ މިނެޓުގައި ކޯނަރަކުން ޑިފެންޑަރު ރޮނާލްޑް އަރައުހޯ ވަނީ ބޮލުން ގޯލް ޖަހައި ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އޮބަމަޔަންގް ތަނަވަސްކޮށްދިން ފުރުސަތަކުން ފެރަން ޓޮރެސް ބާސާގެ ތިންވަނަ ގޯލް ޖެހިއިރު އޭގެ ތިން މިނެޓު ފަހުން ޓޮރެޒް ދިން ބޯޅަ އަކުން ބާސާގެ ހަތަރު ވަނަ ގޯލް ޖެހީ އޮބަމަޔަންގްއެވެ.

މި މެޗުން ބަލިވި ނަމަވެސް ބޮޑު ލީޑަކާއެކު ރެއާލް އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ރެއާލުން ވަނީ 29 މެޗުން 66 ޕޮއިންޓް ހޯދައިފައެވެ. ދެ ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓް ހޯދައިގެން ސެވިއްޔާ އެވެ. ސެވިއްޔާ ރޭ ރެއާލް ސޮސިއެޑާޑާ ވާދަކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ބާސާ އަށް 28 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 29 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.