ރެޑްބުލް ނޭމާ ޖޫނިއާސް ފައިވް ފުޓްސަލް މުބާރާތުގެ ދެވަނަ ބުރަށް، ރާއްޖޭ ތަމްސީލުކުރާ ކްލަބު ޓީނޭޖް އިން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު ކްލަބު ޓީނޭޖް ލައްވާލާފައިވަނީ ގްރޫޕް ކޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ދެކުނު އެފްރިކާ އާއި މޮރިޝަސް އާއި ޔުކްރޭންގެ އިތުރުން އަލްޖީރިއާގެ ޗެމްޕިއަންކަން ހޯދި ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މޮރިޝަސް އާއި ބައްދަލުކޮށް ރާއްޖެ މޮޅުވީ 5-1 އިންނެވެ. ދެވަނަ މެޗުގައި 2-0 އިން އަލްޖީރިޔާގެ މައްޗަށް ރާއްޖެ އިން ކުރި ހޯދިއިރު ގްރޫޕްގެ ތިންވަނަ މެޗުގައި ރާއްޖެ ވަނީ ދެކުނު އެފްރިކާ އަތުން 0-5 އިން ބަލިވެފައެވެ. އަދި ޔުކްރޭންއާ ބައްދަލުކުރި ފަހު މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

މި ގްރޫޕްގެ އެއްވަނައަށް ދެކުނު އެފްރިކާ ހޯދިއިރު ދެވަނަ ހޯދީ ޔުކްރޭންއެވެ. ރާއްޖެ ދެވަނަ ބުރަށް ދަތުރުކުރީ ހުރިހާ ގްރޫޕެއްގެ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހިމެނިގެންނެވެ.

ދެވަނަ ބުރުގައި ރާއްޖެ ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ކްލަބު ޓީނޭޖުގައި ހިމެނޭ ކުޅުންތެރިންނަކީ ޒައިދާން އަހުމަދު، އިސްމާއިލް ފާތިހު، ހުސެއިން ނާޝިދު، ހުސެއިން ޝަރީފް، މުހައްމަދު ރިއްފަތު، އަހުމަދު އަޔާޒް އަދި އިބްރާހިމް މުބީން އަހުމަދު ރަޝީދެވެ.

މިއީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އާއި ރެޑްބުލް ގުޅިގެން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.