ނުރައްކާތެރި ކާރު އެކްސިޑެންޓެއްވެ، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފިލްޑަރު ސަލާމަތްވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މާދަމާ ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ކުރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ބުނީ، ބްރޫނޯ އިން ކާރެއް މިއަދު އެކްސިޑެންޓްވި ކަމަށާއި، ނަމަވެސް ކާރުގައި ތިބި އެކަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހަބަރު ލިބިފައިވާ ކަމަށެވެ.

އެގޮތުން ރަންގްނިކް ބުނީ، ބްރޫނޯ ޓީމާއެކު މިއަދު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ އެކްސިޑެންޓަށްފަހު ކަމަށާއި، އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ބްރޫނޯގެ ހާލު ރަނގަޅު ކަމަށްވެސް ރަންގްނިކް ވަނީ ބުނެފައެވެ.

"ބްރޫނޯ ވަނީ އަހަރުމެންނާއެކު ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައި. އަހަރެންނަށް އެނގޭ ގޮތުގައި އެކްސިޑެންޓްގައި އެކަކަށްވެސް އަނިޔާއެއް ނުވޭ. ބްރޫނޯގެ ހާލު ރަނގަޅު" ޔުނައިޓެޑުގެ ކޯޗު ރަންގްނިކް ބުނިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި އެކްސިޑެންޓް މެދުވެރިވި ނަމަވެސް، އަންގާރަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުން އޭނާ ފެންނާނެއެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 40 މެޗުގައި ނުވަ ލަނޑު ޖެހުމުގެ އިތުރުން 12 އެސިސްޓް ކޮށްފައިވާ ބްރޫނޯއަކީ އެޓީމުގެ ކީ ޕްލެޔަރެކެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑު އޮތީ ކުޅުނު 32 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އެއްވަނައިގައި 31 މެޗުން 74 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު، ދެވަނައިގައި 31 މެޗުން 73 ޕޮއިންޓް ހަމަކޮށްގެން އޮތީ ލިވަޕޫލްއެވެ. އަދި 30 މެޗުން 62 ޕޮއިންޓް ހަމަކޮށްގެން ޗެލްސީ އޮތްއިރު، 32 މެޗުން 57 ޕޮއިންޓް ހަމަކޮށްގެން އޮތީ ޓޮޓެންހަމްއެވެ.