ބޭނުންވަނީ ލަނޑުތަކަށްވުރެ، ތަށިތައް ކާމިޔާބުކުރަން ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އެޓޭކިން މިޑްފިލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން ޔުނައިޓެޑު 0-3 ގެ ނަތީޖާއަކުން މޮޅުވި މެޗަުގައި ލަނޑު ޖެހި ބްރޫނޯ އެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ލަނޑެއް ކާމިޔާބުކުރެވުނީ ވަރަށް ދުވަހަށްފަހު ކަމަށާއި، އެކަމާ އުފާވާ ކަމަށެވެ.

"މިއީ އަހަރެންނަށް މާ މުހިންމު އަދަދުތަކެއް ނޫން. އަދަދުތައް ގިނަ ކުރަން ބޭނުންވަނީ ތަށިތަކުން. ލަނޑުތަކުންނެއް ނޫން" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި އުމުރުން 27 އަހަރުގެ ބްރޫނޯ ބުންޏެވެ.

ބްރެންޓްފޯޑް މެޗަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗަށްވާތީ، ރަނގަޅު ކުޅުމެއް ޓީމުން ދައްކަން މަސައްކަތްކޮށް، އެކަން ކާމިޔާބުކުރެވިފައިވާ ކަމަށް ބްރޫނޯ ވަނީ ބުނެފައެވެ.

ނަމަވެސް، މި ސީޒަނުގައި ޔުނައިޓެޑުގެ ނަތީޖާތަކަކީ އެންމެ އެދެވޭ ނަތީޖާތައް ނޫންކަން ފާހަގަކުރަމުން ބްރޫނޯ ބުނީ، މިހާރު ކުރެވެން އޮތް ކަމަކީ އެންމެ މޮޅު ކުޅުން ދައްކައިގެން ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

މީގެކުރިން ސަމްޕްޑޯރިއާ އަދި އުދިނޭޒީއަށް ކުޅެފައިވާ ބްރޫނޯ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 124 މެޗުގައި 50 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަވެސް އެޓީމާއެކު ހޯދާފައެވެ.