ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށްގެންދާ ކްރިކެޓް ކާނިވަލްގައި މިއަދު ހަވީރު ކުޅުނު މެޗުތައް ފްރެންޑްސް އޮފް މޯލްޑިވްސް، އިމިގްރޭޝަން އަދި މުލިއާގޭ ޓީމު ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނީ އެއްނަންބަރ ދަނޑުގައި މިއަދު އޮފީސް ޓޭޕްބޯލް މުބާރާތުގެ ދެމެޗުގެ އިތުރުން ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ މެޗެއް ވަނީ ކުޅެފައެވެ.

ކޮމްޕެނީ މުބާރާތުގައި މިއަދު ބައްދަލުކުރީ އަހިންސަކާސްއާއި ފްރެންޑްސް އޮފް މޯލްޑިވްސް އެވެ. މިމެޗް 8 ވިކެޓުން ކާމިޔާބުކުރީ ފްރެންޑްސް އޮފް މޯލްޑިވްސްއެވެ.

އަހިންސަކާރސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 116 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ލަނޑު ހެދި ތާރަކަ އެވެ. ޖަވާބުގަައި ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެންއަރާ 5 އޯވަރުގެ ތެރޭގައި 118 ލަނޑު ހެދިއެވެ.

އޮފީސް ޓޭޕްބޯޅަ މުބާރާތުގަައި މިއަދު އެންމެ ފުރަތަމަ ބައްދަލުކުރީ އެމްއެމްއޭ އާއި އިމިގްރޭޝަން އެވެ. ޓޮސް ދިމާވެގެން އެމްއެމްއޭ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ވަަނީ 100 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި އަބްދުލް ރަޝީދެވެ.

ޖަވާބުގައި އިމިގްރޭޝަން ކުޅެންއަރާ 5 އޯވަރުގެތެރޭގައި 103 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި އަލީ ނަވާާއު އާއި 22 ލަނޑު ހެދި ސާއިސް މުހައްމަދެވެ.

ދެވަނަ މެޗު މުލިއާގޭ ޓީމު ކާމިޔާބުކުރީ ރައީސް އޮފީހާއި ވާދަކޮށެވެ. ޓޮސް ދިމާވެގެން ރައީސް އޮފީް ވަނީ 8 އޯވަރުގެ ތެރޭގަި 93 ލަނޑު ހަދާފަައެވެ. އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި އަހުމަދު ފަޔާޒާއި 17 ލަނޑު ހެދި މުންސިދު މުހައްމަދެވެ. އަަދި ތިން ވިކެޓާއެކު މުބާރާތުގެ ފުރަތަމަ ހެޓްރިކް އަލީ އިބްރާހިމް ހެދިއެވެ.

ޖަވާބުގައި މުލިއާގޭ ޓީމް ކުޅެންއަރާ 6 ވަނަ އޯވަރުގައި 96 ލަނޑު ހަދާ މެޗުން މޮޅުވިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އިބްރާހިމް ހުސެއިން އާާއި 23 ލަނޑު ހެދި ބިލާލެވެ. އަދި އަހުމަދު ހަސަންދީދީ އަދި މުންސިދު މުހައްމަދު، މިއިން ކޮންމެ އުކުންތެރިއެއް އެއް ވިކެޓު ނެގިއެވެ.

މުބާރާތުގައި މާދަމާ ތިން މެޗް ކުޅެވޭނެއެވެ. ފުރަތަމަ ކުޅޭނީ 14:30 ގައި ކޮމްޕެނީ މުބާރާތުގެ އެމްޓީސީސީ ބީއަދި ޓީސީއެމްގެ ޓީމެވެ. އަދި ހަވީރު 16:00 ފެށިގެން ކުރިއަށްދާނީ އޮފީސްތަކުގެ މެދުގައި ކުޅެވޭ އޮފީސް ޓޭޕްބޯލް މުބާރާތުގެ މެޗްތަކެވެ. ފުރަތަމަ ކުޅޭނީ ޑީއެސްސީއާއި ހަޔަރ އެޑިއުކޭޝަން އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނި ޔޫތް މިނިސްޓްރީއާއި ކަސްޓަމްސްގެ ޓީމެވެ.