"ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް ކާރނިވަލް"ގައި މިއަދު ބޭއްވި މުބާރާތުގެ 9 ވަނަ މެޗްގައި ބައްދަލުކުރި ޖޫނިއަރ ގްރޫޕްގައި ހިމެނޭ ސިކްސް ސްޓާރ ޓީމް އަތުން މައިލޯ ޖޫނިއަރ މޮޅުވެއްޖެއެވެ.

ލ. އަތޮޅު ކުނަހަންދޫގައި މިހާރު ކުރިއަށްގެންދާ "ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް ކާނިވަލް"ގައި މިއަދު ފެށުނީ ޖޫނިއަރ ގްރޫޕްގެ މެޗްތަކެވެ.

މިއަދުގެ މެޗްގައި މައިލޯ ޖޫނިއަރ ޓީމްއަށް ކެޕްޓަންކަންކޮށްދީފައިވަނީ އަޙްމަދު އަޒާންއެވެ. އަދި ސިކްސް ސްޓަރ ޓީމަށް ކެޕްޓަންކަންކޮށްދީފައިވަނީ މުޙައްމަދު ޒައިންއެވެ.

ގުރުއިން ހޮވިގެން މައިލޯ ޖޫނިއަރ ގަސްތުކުރީ ހޮވާށެވެ.

ފޮޓޯ: މުޙައްމަދު އަޒީލް

ސިކްސް ސަޓަރ ކުޅެން އަރާ 6 އޯވާ ތެރޭ 3 ވިކެޓަށް ހެދުނީ 40 ލަނޑެވެ. މި ޓީމްއިން އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި މުޙައްމަދު އައްޔާޝް ޢަލީއެވެ. އަދި އެންމެ ރަނގަޅަށް އުކީ 5 ލަނޑަށް 1 ވިކެޓް ނެގި ޒަހާންއެވެ.

ޖަވާބުގައި މައިލޯ ޖޫނިއަރ ކުޅެން އަރާ 6 އޯވާ ތެރޭ 1 ވިކެޓަށް 42 ލަނޑު ހަދައިގެން މޮޅުވިއެވެ. މައިލޯ ޖޫނިއަރއިން އެންމެ ރަނގަޅަށް އުކީ 2 ލަނޑަށް 2 ވިކެޓް ނެގި މުޙައްމަދު ނާއިކްއެވެ. މި ޓީމްއިން އެންމެ ރަނގަޅަށް ނުބައި ނުވެ 16 ލަނޑު ހެދި މައިލޯ ޖޫނިއަރ ކެޕްޓަން އަޒާންއެވެ. އެއާއިއެކު، އަޒާން ވަނީ މިއަދުގެ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިއެެވެ.

ފޮޓޯ: މުޙައްމަދު އަޒީލް

މިއަދުގެ މެޗަށް ފަހު، ދެން އަލުން މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ ހަވީރު 16:30 ގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޔަންގް ސްޓަރއާއި ކުނަހަންދޫ ފެނަކަ ބްލޫ ޓީމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ލ. ކުނަހަންދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގައި ކުނަހަންދޫގައި ބާއްވަމުން އަންނަ ޚާއްސަ މުބާރާތެކެވެ.

ފޮޓޯ: މުޙައްމަދު އަޒީލް

މި ފުރުޞަތުގައި ސިކްސް ސެންސަސް ލާމް ރިޒޯޓްއިން ދޭ އެހީތެރިކަން ފާހަގަކުރަމުން ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް ތަމްސީލުކުރަމުންދާ ލިރްޣާމް ޞަޢީދު (ލަރޭ) ވަނީ އެ ރިޒޯޓްގެ ޖެނެރަލް މެނޭޖަރ ކަމަށްވާ މާޓިން ވެން ވެލްއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ކްރިކެޓް ބޯޑުން ދޭ އެއްބާރުލުމުގެ އިތުރަށް ކިންގްސް ސްޕޯޓްސްއަށާއި މާލޭ ސްޕޯޓްސް ކްލަބްގެ އިތުރުން ކުނަހަންދޫ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ އެކަމަށްޓަކައި އެ ފަރާތްތަކަށްވެސް ލިރްޣާމް ވަނީ ޚާއްސަ ޝުކުރު އަދާކޮށްފައިއެވެ.

ކިންގް ސްޕޯޓްސް އިން ސްޕޮންސަރކުރަމުންދާ "ރަމަޟާން ކްރިކެޓް ކާރނިވަލް"ގެ ފޮޓޯ ނެގުމާއި ޓްރާންސްޕޯޓް އިންތިޒާމްކޮށްފައިވަނީ މުޙައްމަދު އަޒީލްއެވެ. އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ވަގުތު މީޑިއާއެވެ.