ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް އާކޮށްފިއެވެ.

ޖަރުމަންގެ ކްލޮޕް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އޭނާ ކްލަބާއެކު މިއަދު ސޮއިކޮށްފައިވަނީ އިތުރު ދެ އަހަރަށް މަޑު ކުރުމަށެވެ.

ކްލޮޕްގެ އިތުރުން އޭނާގެ ކޯޗިން ސްޓާފްގެ އެންމެންވެސް ކްލަބުގައި އިތުރު ދެ އަހަރު މަޑުކުރުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމާމެދު އޭނާ ހުރީ ވަރަށް އުފާވެފައެވެ.

https://twitter.com/LFC/status/1519718769152700416

އެގޮތުން އެއްބަސްވުމާ ގުޅޭގޮތުން ކްލޮޕް ބުނީ، މިހާރުން ފެށިގެން އިތުރު ހަތަރު އަހަރު ކްލަބުގައި މަޑުކުރުމަކީ ދިގު މުއްދަތެއް ކަމަށާއި، މިއީ އޭނާ އެންމެ ބޭނުންވާވެސް ގޮތް ކަމަށެވެ. އަދި ލިވަޕޫލްއަކީ ވަރަށް ލޯބިވާ ކްލަބެއް ކަމަށާއި، ކްލަބާއެކު ވަރަށް ގިނަ ކަންކަން ހާސިލްކުރަން ބޭނުންވާ ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

ލިވަޕޫލްއާ 2015 ވަނަ އަހަރު ހަވާލުވި ކްލޮޕްގެ އިރުޝާދުގެ ދަށުން އެޓީމު މިހާތަނަށް 373 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 229 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި ބާކީ 60 މެޗުން އެޓީމު ބަލިވެފައިވާއިރު، 84 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބްރޫޝިއާ ޑޯޓްމަންޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ލިވަޕޫލްއާ ހަވާލުވި ކްލޮޕްގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ މިހާތަނަށް ޕްރިމިއާ ލީގު، ލީގު ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.