އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 1-2 ގެ ނަތީޖާއަކުން ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ހަމަލާތައް އުފައްދައި، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ދެޓީމުންވެސް ވަނީ މި ހާފްގައި ތަނަވަސް ކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްގެ ކެޕްޓަން ޔަސްފާދު ހަބީބު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޓީސީ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފްގައި ޓީސީން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ސަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އަދި ސަސް އިންވެސް މި ހާފްގައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާއިރު، އެޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މެޗުގައި ޓީސީ މޮޅުވި ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުސްލިހުއެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީސީގެ އިޖިޕްޓް ޑިފެންޑަރު އަލާއެވެ.

މި ނަތީޖާއާއެކު ޓީސީ އޮތީ ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ. އަދި ސަސް އޮތީ ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.