މިރޭ ކުޅޭ ޔުއެފާ ޔުރޮޕާ ލީގް ފައިނަލްގައި ވާދަކުރާ ޖަރުމަނުގެ އެއިންޓްރެކްޓް ފްރޭންފާޓާއި ސްކޮޓްލެންޑުގެ ރޭންޖާސްގެ ސަޕޯޓަރުންގެ ދެމެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ޔުރޮޕާ ލީގް ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ސެވިއްޔާގައި ހުންނަ "ރަމޮން ސަންޗެޒް ޕިޒުއަން" ދަނޑުގައެވެ. ފައިނަލްގެ ކުރިން ފްރޭންފާޓް އަދި ރޭންޖާސްގެ ސަޕޯޓަރުންތައް އަންނަނީ ސެވިއްޔާގެ މަގުތަކުގައި ފޯރިނަގަމުންނެވެ. ސްޕެއިންގެ ރިޕޯޓްތަކުގައިވާ ގޮތުން ސަޕޯޓަރުންގެ ދެމެދުގައި މިއަދު ހެނދުނުން ފެށިގެން އަންނަނީ އެކި ވަރުގެ ހަމަނުޖެހުންތައް ހިނގަމުންނެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޖަރުމަނަށް ނިސްބަތްވާ ފްރޭންފާޓުގެ 200 އެއްހާ ސަޕޯޓަރުންގެ ގްރޫޕަކުން ރޭންޖާސްގެ ސަޕޯޓަރުންތަކަކަށް ހަމަލާދިނުމުންނެވެ. ފްރޭންފާޓް ސަޕޯޓަރުން ވަނީ ރޭންޖާސްގެ ސަޕޯޓަރުންނަށް އަމާޒުކޮށް ފްލެއާސް އުކައިފައެވެ. އޭގެ ފަހުން ދެ ޓީމުގެ ސަޕޯޓަރުން ވެސް އަންނަނީ އިދިކޮޅަށް އަމާޒުކޮށް ގަލާއި ބިއްލޫރި ފުޅި ފަދަ ތަކެތި އުކައި ހަދަމުންނެވެ. ހަމަނުޖެހުންތަކާ ގުޅިގެން ފްރޭންފާޓުގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޔުރޮޕާ ލީގަކީ ޔޫރަޕުގެ ދެވަނަ އަށް އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގެ ފައިނަލަށް ފްރޭންފާޓް ދަތުރު ކުރީ ސެމީގައި ސްޕެއިންގެ ބާސެލޯނާ ކަޓުވާލުމަށްފަހު އެވެ. ރޭންޖާސް ފައިނަލަށް ދިޔައީ ސެމީގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގް ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.