މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރު ޗުއަމެނީ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ގޯލް" އިން ބުނީ، ޗުއަމެނީ ހޯދުމުގެ ރޭސް ރެއާލް އިން ކާމިޔާބުކޮށްފައިވާ ކަމަށާއި، އޭނާ ރެއާލްއަށް ބަދަލުވާން ނިންމާފައި ވަނީ 100 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ.

އުމުރުން 22 އަހަރުގެ ޗުއަމެނީ ރެއާލްއަށް ބަދަލުވާން އެއްބަސްވެފައި މިވަނީ އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި ޕީއެސްޖީވެސް އަދި ލިވަޕޫލްވެސް ހިމެނއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗުއަމެނީ ރެއާލްއަށް ބަދަލުވާން އެއްބަސްވެފައި ވަނީ ރޭ މޮނާކޯ އާއި ރެއާލް ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު ކަމަށްވާއިރު، ރެއާލްއަށް ބަދަލުވާން އޭނާ އެއްބަސްވެފައި ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ބޯޑެކްސް އިން 2016 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ޗުއަމެނީ ވަނީ އެ ކްލަބަށް 337 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ބޯޑެކްސް ދޫކޮށް މޮނާކޯއަށް ބަދަލުވީ 2019 ވަނަ އަހަރުގެ ސީޒަނުގައެވެ.

މިގޮތުން މޮނާކޯގައި ހޭދަކުރި ތިން ސީޒަނުގައި ޗުއަމެނީ ވަނީ އެ ކްލަބަށް ކުޅުނު 95 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް 10 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ޗުއަމެނީ ވަނީ ޔޫއެންއެފްޕީން ފާއިތުވެދިޔަ ދެ ސީޒަނުގައި ހޮވި ފްރެންޗް ލީގުގެ "ޓީމް އޮފް ދަ އިޔާ" ގެ އިތުރުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.