ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ގެ ކޯޗު ކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް އެ މަގާމަށް މަޝްހޫރު ހޯސޭ މޮރީނިއޯ ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރައިފައެވެ. ޕޮޗެޓީނޯ ވަކިކުރުމުގެ މަސަތްކަތް ޕީއެސްޖީން މިހާރު ފަށާފައިވާއިރު ކްލަބުގެ ކޯޗަކަށް ގެންނަން އެ ކްލަބުން ޝޯޓް ލިސްޓު ކޮށްފައިވަނީ މޮރީނިއޯގެ އިތުރުން ކުރިން ރެއާލް މެޑްރިޑަށް އިރުޝާދު ދިން ޒައިނުއްދީން ޒިދާނެވެ.

މަޝްހޫރު ކުޅުންތެރިން ގިނަ ޕީއެސްޖީގެ ކޯޗަކަށް މޮރީނިއޯ ގެންނަން އެ ކްލަބުން ބޭނުންވިޔަސް އޭނާ ބޭނުންވަނީ ރޯމާގައި މަޑުކުރަން ކަމަށް ކުޅިވަރު ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ. ފަބްރީޒިއޯ ރިޕޯޓުކޮށްފައިވާ ގޮތުން މޮރީނިއޯގެ ފޯކަސް މުޅިންހެން ހުރީ ރޯމާ އަށެވެ. އަދި ރޯމާ އިން ވެސް ޓްރާންސްފާ މާކެޓުގައި ޓީމު ވަރުގަދަ ކުރުމަށް މޮރީނިއޯ އަށް ރަނގަޅު ބަޖެޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ކްލަބުގެ މެނޭޖްމަންޓުގެ ވެސް ފުލް ސަޕޯޓު މޮރީނިއޯ އަށް އެބައޮތް ކަމަށް ފަބްރީޒިއޯ ވަނީ ބުނެފައެވެ.

ރޯމާއާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި މޮރީނިއޯ ވަނީ 31 އަހަރު ފަހުން އެ ކްލަބަށް ޔޫރަޕުގެ ތައްޓެއް ހޯދައިދީފައެވެ. ޔުއެފާ އިން އަލަށް ތައާރަފު ކުރި ޔުއެފާ ކޮންފެރެންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސްގެ ފަޔަނޫޑް ބަލިކޮށް ރޯމާ އިން ތަށި އުފުލާލިއިރު އެއީ މޮރީނިއޯ ކެރިއަރުގައި ހޯދި ފަސްވަނަ ޔޫރަޕިއަން ތައްޓެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް އެކަށޭނެ ކާމިޔާބީއެއް ނުހޯދުނު އިރު ޕޮޗެޓީނޯގެ އިތުރުން ސްޕޯޓިންގް ޑައިރެކްޓަރު ލިއޮނާޑޯ ވެސް ވަކިކުރަން އެ ކްލަބުން ވަނީ ނިންމައިފައެވެ. ސްޕޯޓިންގް ޑައިރެކްޓަރަކަށް ހަމަޖައްސަން ޕީއެސްޖީން ނިންމާފައިވަނީ ކުރިން ފްރާންސްގެ ލިލް ގައި މަސަތްކަތް ކުރި ލުއިސް ކަމްޕޯސް އެވެ. އަނެއްކޮޅުން މޮރީނިއޯގެ އިތުރުން ކޯޗަކަށް ގެންނަން ޕީއެސްޖީން ދެން ޓާގެޓު ކޮށްފައިވަނީ ރެއާލާއެކު ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޒިދާން އަށެވެ. މީގެ ކުރިން، ފްރާންސްގެ ނޫސްތަކުން ވަނީ މި އަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ފަހު ޒިދާން ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް ރިޕޯޓުކޮށްފައެވެ.