ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ބައިގައި ކްލަބް އީގަލްސް ބަލިކޮށް، ޕޮލިސް ކްލަބް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު އީގަލްސްއާ ވާދަކޮށް ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް 17-25 އިން ޕޮލިހުން ކާމިޔާބުކުރި ނަމަވެސް، ޖެހި އައި ސެޓް 17-25 އިން އީގަލްސް އިން ވަނީ ކާމިޔާބުކޮށްފައެވެ. ޕޮލިހުން މެޗު ކާމިޔާބުކުރީ ޖެހިގެން އައި ދެ ސެޓް 20-25 އަދި 20-25 އިން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސްގެ ޝާހާ ޝާމިންއެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ ރޭ ޕޮލިސް ނިކުންނާނީ، ފުރަތަމަ ސެމީގައި ތިން ސެޓް ދެ ސެޓުން އެ ކްލަބް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ވެމްކޯއާ ދެކޮޅަށެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕް މި އަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. އެފަހަރު ތިން ސެޓް އެއް ސެޓުން ޕޮލިސް ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައި ވަނީ ވެމްކޯއެވެ.