އިންގްލަންޑުގެ ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ މި ސީޒަނުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވަޑް، މުހައްމަދު ސަލާހު އަށް ލިބިއްޖެއެވެ.

ކުޅުންތެރިންގެ ވޯޓުން ހޮވާ މި އެވޯޑަށް ސަލާހު އާ އެންމެ ގާތުން ވާދަކުރީ މެންޗެސްޓަ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އާއި ލިވަޕޫލްގެ ސެނެގަލް ފޯވަޑް ސާޑިއޯ މާނޭ އަދި ސެންޓަ ބެކް ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކެވެ. މީގެ ތެރެއިން ޑިބްރޭނާ އަކީ މިދިޔަ ދެ އަހަރު މި އެވޯޑް ހޯދި ކުޅުންތެރިއާ އެވެ.

ސަލާހް ވަނީ މި ސީޒަނުގައި ޕްރިމިއަ ލީގުގައި 23 ގޯލް ޖަހައި، ދެކުނު ކޮރެއާގެ ވިންގް، ސޮން ހިއުން މިން އާއެކީ ލީގުގެ ރަން ބޫޓު ހާސިލްކޮށްފައެވެ. ރަން ބޫޓުގެ އިތުރުން 13 އެސިސްޓާއެކު ލީގުގެ ޕްލޭމޭކާ އެވޯޑު ވެސް މިފަހަރު ހޯދީ ސަލާހު އެވެ.

" މިއީ ޙާސިލްކުރަން ވަރަށް ރަނގަޅު އެވޯޑެއް. ސަބަބަކީ މި އެވޯޑަށް މީހަކު ހޮވަނީ ކުޅުންތެރިން ވޯޓު ދީގެން ކަމަށްވާތީ. މި އެވޯޑުން މި ލިބެނީ ކުރި ބުރަ މަސަތްކަތުގެ ނަތީޖާ. އަހަރެންގެ ހުންނާނެ ހާއްސަ ކޮޓަރިއެއް ޙާއްސަކޮށްފައި ތަށިތައް ބަހައްޓަން. އަބަދުވެސް ހުސްތަނެއް ބަހައްޓަން އިތުރު ތައްޓެއް ލެވޭ ވަރަށް. ސަބަބަކީ އަހަރެން ހުންނަނީ އަބަދުވެސް އިތުރު ތަށިތަކެއް ލިބޭނެ ކަމުގެ އުއްމީދުގައި، " އެވޯޑް ލިބުމުން އުފާވެފައި ހުރި ސަލާހް ބުންޏެވެ.

މިއީ ސަލާހް ޕީއެފްއޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަނުގައި ވެސް ސަލާހު ވަނީ މި އެވޯޑު ހޯދައިފައެވެ.

ޕީއެފްއޭގެ ޒުވާން މޮޅު ކުޅުންތެރިއާގެ މަގާމް ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ވަނީ ދިފާއުކޮށްފައެވެ. ސިޓީން ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި އިރު ފޮޑެން ވަނީ ލީގުގައި ނުވަ ގޯލް ޖަހައި އިތުރު ފަސް ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. ފޮޑެން އަކީ ޓޮޓެންހަމްގެ އިނގިރޭސި ވިންގް، ޑެލޭ އަލީގެ ފަހުން މި އެވޯޑް ޖެހިޖެހިގެން ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިއާ އެވެ. އަލީ ވަނީ 2016 އަދި 2017 ވަނަ އަހަރު މި އެވޯޑް ޙާސިލްކޮށްފައެވެ.

ޕީއެފްއޭގެ ޓީމް އޮފްދަ ސީޒަނަށް ބަލާއިރު ލިވަޕޫލް ކުޅުންތެރިން ޑޮމިނޭޓް ކުރި މި ޓީމުން ޖާގަ ލިބުނީ ސިޓީގެ ތިން ކުޅުންތެރިއަކަށެވެ. ކީޕަރަކަށް އަލިސަން ބެކާ ހޮވުނުއިރު ކަނާތު ބެކަށް ހޮވުނީ އެ ޓީމުގެ އަލެގްޒަންޑާ އާނޯލްޑެވެ. ސެންޓަ ބެކުންގެ ގޮތުގައި ވެން ޑައިކް އަދި މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުނު އެންޓޯނިއޯ ރުޑިގާ ހިމެނުނު އިރު ވައަތު ބެކަށް ހޮވުނީ ސިޓީގެ ޔާއޯ ކަންސެލޯ އެވެ. މިޑްފީލްޑުން ޖާގަ ހޯދީ ޑިބްރޭނާ އާއި ތިއާގޯ އަލްކަންޓާރާގެ އިތުރުން ސިޓީގެ ބެނާޑޯ ސިލްވާ އެވެ. ފޯވާޑުންގެ ތެރޭގައި ހިމެނުނީ ޔުނައިޓެޑުގް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލްގެ ސަލާހް އަދި މާނޭ އެވެ. ޕެނަލްޓީއާ ނުލައި 23 ގޯލް ޖަހައި ރަން ބޫޓު ހޯދި ސޮން އަށް ޓީމް އޮފަދަ ސީޒަނުން ޖާގަ ނުލިބޭކަން ފާހަގަކޮށްލެވެއެވެ.