މ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެސްޑެލާ ފުޓްސަލް ޗެލެންޖް 2022 ގެ ސެމީ ފައިނަލަށް ކްލަބް ޑީ އަމީގޯސް އަދި މިސް ޔޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް މ. ނާލާފުއްޓަށް ނިސްބަތްވާ އަމީގޯސް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ރޭ މ. މުއްޔަށް ނިސްބަތްވާ އަޗަކަލޯ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗުގައި އަމީގޯސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝައްފާން އަދި އަހުމަދު އައިހަމްއެވެ. އަދި މ.އަތޮޅު ކައުންސިލްގެ އެސްޖީ އަހުމަދު ނާހިދު ޝަރަފުވެރިކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމީގޯސްގެ އިބްރާހިމް ފިރުޝާންއެވެ.

މުބާރާތުގެ ސެމީއަށް މުލަކަށް ނިސްބަތްވާ މިސް ޔޫ ސްޕޯޓްސް ދަތުރުކުރީ ކުއާޓާ ފައިނަލްގައި މުއްޔަށް ނިސްބަތްވާ ބޮލި ބްލޫސް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި މިސް ޔޫ ސްޕޯޓްގެ ލަނޑުތައް އަލީ ސައުދު އާއި ހުސެއިން ނިޒާމް ކާމިޔާބުކުރިއިރު، ބޮލި ބްލޫސްގެ ލަނޑު ކާމިޔާބުކުރީ އަލީ މަސީހްއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސް ޔޫ ސްޕޯޓްސްގެ އަލީ ޝަހީމްއެވެ.

މުބާރާތުގެ ސެމީގައި އަމީގޯސް ނިކުންނާނީ މުއްޔަށް ނިސްބަތްވާ ޑަބްލިއުފައިވް ސްޕޯޓްސް ކްލަބްއާ ދެކޮޅަށެވެ. އަދި މިސް ޔޫ ސްޕޯޓްސް ނިކުންނާނީ މުއްޔަށް ނިސްބަތްވާ ފްރެންސް ފުޓްސަލް ކްލަބްއާ ދެކޮޅަށެވެ.

އެސްޑެލާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕްއަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ މެއިން ޕާޓްނަރަކީ މުލަކު އަތޮޅު މުލީ ކައުންސިލް ކަމަށްވާއިރު، ލޯކަލް ގޯލްޑް ސްޕޮންސާއަކީ ބިއުޓީ ސްޓްރީޓް ހުޅުމާލެއެވެ. މުބާރާތުގެ އޮފިޝަލް ބޭންކިން ޕާޓްނާއަކީ ބޭންކް އޮފް މޯލްޑިވްސް ކަމަށްވާއިރު، އޮފިޝަލް ކިޓްސް ޕާޓްނާއަކީ ކެޕްޓަން މޯލްޑިވްސްއެވެ. އަދި މުބާރާތުގެ އޮފިޝަލް އޮންލައިން ޕާޓްނަރަކީ ވަގުތު އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު