މ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެސްޑެލާ ފުޓްސަލް ޗެލެންޖް 2022 ފައިނަލަށް ކްލަބް ޑީ އަމީގޯސް އަދި މިސް ޔޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ނާލާފުއްޓަށް ނިސްބަތްވާ އަމީގޯސް ދަތުރުކުރީ ސެމީ ފައިނަލުގައި މުއްޔަށް ނިސްބަތްވާ ޑަބްލިއުފައިވް ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކުޅުނު މެޗު 1-12 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި އަމީގޯސްއަށް އަހުމަދު އައިހަމް އަދި މުހައްމަދު އަޔާޒް ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އިބްރާހިމް ޝައްފާން ވަނީ ތިން ލަނޑު ޖަހާފައެވެ. އަދި އަލީ އަޒުމީންވެސް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ޑަބްލިއުފައިވްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިސްމާއިލް ރަފްހާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމީގޯސްގެ އަހުމަދު އައިހަމްއެވެ.

މުބާރާތުގެ ފައިނަލަށް މުލަކަށް ނިސްބަތްވާ މިސް ޔޫ ސްޕޯޓްސް ދަތުރުކުރީ ސެމީ ފައިނަލުގައި ފްރެންޑްސް ފުޓްސަލް ކްލަބްއާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި މިސް ޔޫ ސްޕޯޓްސްގެ އަލީ ޝަހީމް ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އަހުމަދު އިސްމާއިލް މަނިކް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ފްރެންޑްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަހްސަން ރަޝާދުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިސް ޔޫ ސްޕޯޓްސްގެ އަލީ ޝަހީމްއެވެ.

މުބާރާތުގެ ފައިނަލުގައި އަމީގޯސް އަދި މިސް ޔޫ ސްޕޯޓްސް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 20:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު