20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެ، ޕޮއިންޓަކާއެކު ރާއްޖެއިން މުބާރާތް ނިންމާލައިފިއެވެ.

އިންޑިއާގައި ކުރިޔަށްދާ މި މުބާރާތުގައި އެގައުމާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފަހު މެޗުން ބަލިވީ ފަހުވަގުތުއެވެ. މި މެޗުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އިންޑިއާވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި އިންޑިއާއަށް ކާމިޔާބުކުކޮށްދިނީ ގުރްކީރަތު ސިންގްއެވެ. މިއީ އޭނާ މުބާރާތުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މިފަހަރުގެ މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު، އެ ހުރިހާ ޓީމެއްވެސް ވަނީ އެއް ގްރޫޕަކަށް ލާފައެވެ. އަދި ފައިނަލަށް ދަތުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، އެއްވަނަ ހޯދީ 10 ޕޮއިންޓާއެކު ބަންގްލަދޭޝްއެވެ. އަދި ދެވަނަ ހޯދީ ނުވަ ޕޮއިންޓާއެކު އިންޑިއާއެވެ. މިގޮތުން ފައިނަލުގައި ވާދަކުރާނީ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ބަންގްލަދޭޝް އިން ވަނީ 1-2 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްފައެވެ.

މުބާރާތުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. ރާއްޖެ ވަނީ ނޭޕާލް، ބަންގްލަދޭޝް އަތުންވެސް ބަލިވެފައެވެ.