އިންޑިއާގައި މިހާރު ކުރިޔަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި 1-4 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

މި މެޗުގައި ބަންގްލަދޭޝްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން މެޗުގެ ލީޑު ނަގާފައި ވަނީ 19 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިރްޖާލުލް އިސްލާމްއެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަންގްލަދޭޝްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށްފަހުވެސް ބަންގްލަދޭޝް އިން ދިޔައީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން 32 ވަނަ މިނެޓުގައި ރަފީގުލް އިސްލާމް ވަނީ ބަންގްލަދޭޝްގެ ތިން ވަނަ ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މިރްޖާލުލް އިސްލާމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމިފައި ވަނީ 0-4 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރާއްޖެއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދާފައިވާއިރު، 53 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގުވެސް ވަނީ ކުޑަކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޒަޔާން ޒަފަރުއެވެ.

މި މުބާރާތުގައި ފަސް ޓީމު އެއް ގްރޫޕެއްގައި ހިމެނޭއިރު، ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިގޮތުން ބަންގްލަދޭޝް އިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. ބަންގްލަދޭޝް އިން ބަލިކޮށްފައިވަނީ ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާއެވެ.