މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބާސެލޯނާ އަށް ވިއްކާލަން ނިންމާފައިވާ ކަމަށް ބުނެ ފެތުރެނީ ދޮގު ހަބަރެއް ކަމަށް ސިޓީން ބުނެފިއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާ އާއި މިދިޔަ ޓްރާންސްފާ މޫސުމުގައި ވެސް އުމުރުން 28 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ ގަތުމަށް ބާސެލޯނާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެކަމަކު، ބާސެލޯނާގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ބެނާޑޯ ސިލްވާ ގެނެވޭ ގޮތް ނުވަނީ ކަމަށްވެއެވެ.

ބެނާޑޯ ސިލްވާ މިދިޔަ އަހަރު ވަނީ ސްޕެއިން އަށް ބަދަލުވާން ބޭނުންވާ ކަން ހާމަކޮށްފައެވެ. އެކަމަކު، ބެނާޑޯ ސިލްވާ އެހެން ކުލަބަކަށް ވިއްކާލުމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުމެއް ނުވެއެވެ.

އިއްޔެ ނުކުތް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބެނާޑޯ ސިލްވާ 46 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ވިއްކާލުމަށް އެ ކުލަބާ މެންޗެސްޓާ ސިޓީއާ ދެމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އެކަމަކު، ސިޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީ އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ބޮޑު ބައިގައި ބެނާޑޯ ސިލްވާ ނުފެނެއެވެ. އޭނާ އެރުވީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ސިޓީ 2-0 އިން މޮޅުވި މެޗުގައި ޕެޕް ގާޑިއޯލާ ފުރުސަތު ދީފައި ވަނީ ޖަރުމަނުގެ ގުންޑޮގަންއަށެވެ.

ބެންފީކާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ބެނާޑޯ ސިލްވާ ވަނީ މޮނާކޯއަށްވެސް ކުޅެފައެވެ. އޭނާ މޮނާކޯ ދޫކޮށް ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންފީކާ އަދި މޮނާކޯގައިވެސް ކާމިޔާބު ހޯދާފައިވާ ބެނާޑޯ ސިލްވާ ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގު ތަށި، އެއް އެފްއޭ ކަޕް، ހަތަރު ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކުރުމުގެ އިތުރުން އެއްފަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 70 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ބެނާޑޯ ސިލްވާ ވަނީ ގައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.