އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ ޓީމް އިވެންޓްގެ ސެމީ ފައިނަލުގައި ވަރުގަދަ އިރާން އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވެ، ބްރޯންޒް މެޑަލް ލިބިއްޖެއެވެ.

ތުރުކީގެ ކޮންޔާގައި ކުރިޔަށްދާ މި ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު އިރާން އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ސިންގަލްސް އިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅެން އަރައި އިރާންގެ އަސްތާރީ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް އަސްތާރީ ގެންދިޔައީ 04-11، 08-11 އަދި 02-11 އިންނެވެ.

މި މެޗުގެ ދެވަނަ ސިންގަލްސްގައި ރާއްޖޭގެ ރަފާ ކުޅެން އަރާފައި ވަނީ އިރާންގެ ނެދާއާ ދެކޮޅަށެވެ. މި މެޗުން ރަފާ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް 09-11 އިން ރަފާ ގެންދިޔައިރު، ޖެހިގެން އައި ދެ ސެޓް 07-11 އަދި 04-11 އިން ނެދާ ވަނީ ގެން ގޮސްފައެވެ. ނަމަވެސް ހަތަރު ވަނަ ސެޓް 10-12 އިން ރަފާ ކާމިޔާބުކުރިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓް ނެދާ ކާމިޔާބުކުރީ 08-11 އިންނެވެ.

ތިންވަނަ ގޭމުގެ ޑަބަލްސްގައި ރާއްޖޭގެ ރަފާ އަދި ޖުމާނާ ނިމާލް ކުޅެން އަރައި އިރާންގެ ނެދާ އަދި ޝިމާ އަތުން ބަލިވީ ތިން ސެޓް އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް 05-11 އިން އިރާން ގެންދިޔަ ނަމަވެސް، ޖެހިގެން އައި ސެޓް 10-12 އިން ރަފާ އަދި ޖުމާނާ ވަނީ ގެންގޮސްފައެވެ. ނެދާ އަދި ޝިމާ މެޗު ކާމިޔާބުކުރީ ޖެހިގެން އައި ދެ ސެޓް 04-11 އަދު 05-11 އިން ގެންގޮސްގެންނެވެ.