އަޔެކްސްގެ ފޯވާޑް އެންތޮނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އެންތޮނީ ހޯދުމަށް ޔުނައިޓެޑުން މި ހަފްތާގައި 80 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ޑީލް ކުރިއަށް ގެންދިއުމަށްޓަކައި އެންތޮނީގެ އެޖެންޓް މިހާރު ހުރީ އިނގިރޭސި ވިލާތުގެ ލަންޑަންގައެވެ.

އެންތޮނީ ހޯދުމަށް ޔުނައިޓެޑުން މީގެކުރިން 67 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމުން އަޔެކްސް އިން ވަނީ އެ ބިޑް ބަލައިނުގަނެ ދޫކޮށްލައިފައެވެ.

އެންތޮނީގެ ބަދަލުގައި އަޔެކްސް އިން މިހާރު މަސައްކަތް ކުރަނީ އެ ޓީމަށް ކުރިން ކުޅުނު ޗެލްސީގެ ވިންގާ ހަކީމް ޒިޔެޗް ގެންދިއުމަށެވެ.

އުމުރުން 22 އަހަރުގެ އެންތޮނީ ޔުނައިޓެޑާ އެކުގައި ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ގާއިމު ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އިނގިރޭސި ވިލާތަށް ބަދަލުވުމަށްޓަކައި އެ ގައުމުން ގެއެއް ގަތުމުގެ މަސައްކަތް އެންތޮނީ ކުރަމުން އަންނަ ކަމަށްވެއެވެ.

މި ސީޒަނާ ދިމާކޮށް، ޔުނައިޓެޑްގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ޔުނައިޓެޑުން އެންމެ ފަހުން ގެނައީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ކަސެމީރޯއެވެ. އޭގެ ކުރިން އެ ކުލަބުން ވަނީ އަޔެކްސްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް، ބްރެންޓްފޯޑްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު