ޕްރިމިއާ ލީގުގައި ހެރީ ކޭންގެ ދެ ލަނޑުން ނޮޓިންގްހަމް ފޮރެސްޓްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ކުރިހޯދައިފިއެވެ.

ނޮޓިންގްހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ހަ ވަނަ މިނެޓުގައި ކޭންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

ނަމަވެސް މި ލަނޑާއެކު ނޮޓިންގްހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެޓީމަށް ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފްގައި ޓޮޓެންހަމްއަށް ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ޓޮޓެންހަމްއަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ނޮޓިންގްހަމްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ގިނަ ހަމަލާތަކެއް މި ހާފްގައި އެޓީމުން ވަނީ އުފައްދާފައެވެ. އަދި މި ހާފްގައި ނޮޓިންގްހަމްގެ ފަރާތުންވެސް ވަނީ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.

މި މެޗުގެ ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީ ޖެހީ ކޭންއެވެ. ނަމަވެސް ކޭން ވަނީ 81 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިން ވަނައަށް ލަނޑުގެ ތަފާތުން ޖެހިލާފައެވެ. މެޗުން ބަލިވި ނޮޓިންގްހަމް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 14 ވަނައިގައެވެ.