ޔުއެފާ ޔޫރޮޕާ ލީގުގައި އަންނަ ބުރާސްފަތި ދުވަހު އާސެނަލް އަދި ޕީއެސްވީ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗު ފަސް ކޮށްފިއެވެ.

ޔުއެފާ އިން ބުނީ، ޔޫރޮޕާ ލީގުގައި އާސެނަލް އަދި ޕީއެސްވީ ބައްދަލުކުރާ މެޗު ހޮސްޓް ކުރާ އާސެނަލްގެ އިތުރުން މެޓްރޯޕޮލިޓަން ފުލުހުންނާއެކު ކުރި މަޝްވަރާތަކަށްފަހު މެޗު ފަސް ކުރަން ނިންމާފައިވާ ކަމަށެވެ.

ޔުއެފާ އިން މިގޮތަށް ނިންމީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއާ ގުޅިގެން މެޗު އޮންނަ ވަގުތު ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން މަދުވުމުންނެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގައި މި ހަފްތާގައި ކުޅޭ ހުރިހާ ކުޅިވަރު މުބާރާތެއް ވަނީ ފަސް ކޮށްފައެވެ. އޭގެ ތެރޭގައި ފުޓުބޯޅައިގެ ހުރިހާ މުބާރާތެއްވެސް ހިމެނެއެވެ.

ޔޫރޮޕާ ލީގުގައި އާސެނަލް މިހާތަނަށް ކުޅުނު އެއް މެޗު ކާމިޔާބުކޮށް އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކުގައެވެ. އަދި ޕީއެސްވީ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފައެވެ.