ގާފަރު ޑިވެލޮޕްމެންޓް އެސޯޝިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގާފަރު ފުޓްސަލް ޓޯނަމެންޓްގެ މިއަހަރުގެ މުބާރާތް އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތާއި ބެހޭ ގޮތުން "ވަގުތަށް" މައުލޫމާތު ދެމުން ގާފަރު ޑިވެލޮޕްމެންޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިމްރާން ވިދާޅުވީ މި ފަހަރުގެ މުބާރާތް އެހެން އަހަރުގެ މުބާރާތްތަކަށް ވުރެ ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މުބާރާތް ކުރިއަށް ގެންދިޔުމަށް ސްޕޮންސާ ހޯދުމުގެ ދަތިކަން އިމްރާން ވަނީ ފާހަގަކޮށްފައެވެ.

"ވަރަށް ޓްރައި ކުރަން ކޮންމެ އަހަރަކު ސްޕޮންސާއެއް ލިބޭތޯ. ނަމަވެސް ސްޕޮންސާއެއް ލިބޭ ގޮތެއް ނުވޭ، އަޅުގަނޑަށް ހީވަނީ އެއީ އަތޮޅުތެރެ ވީމަ ކަންނޭނގެ. ނަމަވެސް މާލޭގައި މުބާރާތެއް ބާއްވައިފި ނަމަ ބޮޑުތަނުން ސްޕޮންސާ ލިބޭ. ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭތަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ" އިމްރާން "ވަގުތަށް" ،މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ފުޓްސެލްގެ 90 އިންސައްތަ ކުޅުންތެރިން އުފެދިފައި ތިބީ އަތޮޅު ތެރެއިންކަން ފާހަގަކުރަމުން އިމްރާން ވަނީ ސްޕޮންސާ ނުދެނީ ކޮން ސަބަބަކާ ހުރެ ތޯ ސުވާލު އުފައްދާފައެވެ.

ގާފަރުގެ މުބާރާތް ބާއްވަނީ އަމިއްލަ ޖީބުންނާއި ދީލަތި ބައެއް ފަރާތްތަކުގެ އެހީތަކާއި އެކުގައި ކަން ފާހަގަ ކުރަމުން އިމްރާން ވަނީ މުބާރާތް ކުރިއަށް ގެންދިޔުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޖުމްލަ 12 ޓީމު ބައިވެރިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ނިންމާފައިވާއިރު އެ އަދަދު ބޮޑުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ،