ބާސެލޯނާއިން ކުޅުންތެރިންނަށް ދެމުން އަންނަ މުސާރަ ކުޑަ ކުރުމަށް ބާސެލޯނާގެ އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރު ކުރައްވާފައިނުވާނެ ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ސްޕއެިންގެ ގަދަބާރު ބާސާއިން ވަނީ އެކުލަބަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ކުލަބުގެ ބައެއް ކުޅުންތެރިންގެ މުސާރަ ދަށްކޮށްފައެވެ. އެގޮތުން ކުލަބުގެ ޚަރަދުތައް ކުޑަކޮށް، ކުލަބުގެ ބައެއް އެސެޓު ވަނީ ވިއްކާލާފައެވެ. މިހާރު ބާސެލޯނާ އޮތީ މާލީ ގޮތުން ދިމާވި ދަތި ޙާލަތުން އަރައިގަނެ، މާލީ ގޮތުން ރަނގަޅު ހިސާބެއްގައެވެ.

ބާސާގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރެންކީ ޑި ޔޯން އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލަޕޯޓާ ބުނެފައިވަނީ އެއްވެސް ކުޅުންތެރިއެއްގެ މުސާރަ ކުޑަ ކުރުމަށް ބާސާ އިން ބުނެފައި ނުވާނެ ކަމަށާއި އެއްވެސް މަޖުބޫރު ކަމެއް ނޯންނާނެ ކަމަށެވެ.

"އެއްވެސް ކުޅުންތެރިޔަކަށް މުސާރަ ކުޑަކުރުމަށް އަހަރަމެން (ބާސެލޯނާ އިން) މަޖުބޫރު ކޮށްފައެއް ނުވާނެ. ނަމަވެސް އަހަރަމެން ބެލީ އެންމެ ޕެސިފިކް ގޮތަކަށް ކަންތައް ކުރެވޭތޯ." ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ބުންޏެވެ.

ޑިޔޯންއާ ގުޅޭގޮތުން ލަޕޯޓާ ވިދާޅުވީ ޑި ޔޯން ހޯދުމަށް އެދި ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކެއްގެ ހުށަހެޅުން ބާސެލޯނާ އަށް ލިބުނު ކަމަށެވެ. ލަޕޯޓާ ވިދާޅުވި ގޮތުގައި އެ ހުށަހެޅުންތަކަކީ ވަރަށް އަގު ބޮޑު ހުށަހެޅުންތަކެއް ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން ބޭނުންވަނީ ޑި ޔޯން ކުލަބުގައި ބަހައްޓަން ކަމަށް ވެސް ލަޕޯޓާ ވިދާޅުވިއެވެ. ޑިޔޯން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުލަބުން ވަނީ ވަރަށް ބޮޑު އަގެއް ހުށަހަޅާފައެވެ.

ބާސާއިން އަބަދުވެސް އަންނަނީ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތް ހަދަމުން ކަމަށާއި އެންމެ އިސް ކަމެއް ދޭ ބަޔަކީ ކުޅުންތެރިން ކަމަށް ލަޕޯޓާ ބުންޏެވެ. އިތުރަށް ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އިން މުސާރަ ކުޑަކުރުމަށް އެއްވެސް ކުޅުންތެރިޔަަކަށް އަންގާފައިނުވާނެ ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން ބެލީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅަށް ކަންތައް ކުރެވޭނެ ގޮތެއް ކަމަށް ލަޕޯޓާ ވިދާޅުވިއެވެ.