އަންނަ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލްގެ ތަރި ރިޗާލިސަން ރޭ ކުޅުނު މެޗުގައި އަނިޔާ ވެއްޖެއެވެ.

ޓޮޓެންހަމަށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޗާލިސަން އަށް އަނިޔާވީ ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާގެ ކުޑަ ކަޅުވަޔަށް ތަދެއް އަރައިގެން އެ މެޗުގެ 52 ވަނަ މިނެޓުގައި ވަނީ ދަނޑުން ބާލާފައެވެ. ރޭގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން އެރުވީ ވެސް ބިސޯމާއެވެ.

އުމުރުން 25 އަހަރުގެ މޮޅު ފޯވާޑް ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުމެވެ. މި އަނިޔާ އިން ވީހާ ވެސް އަވަހަކަށް ސަލާމަތް ވުމަށް އޭނާ އުންމީދު ކުރެއެވެ. އޭނާ މިހާރު ދައްކަމުން އަންނަ ހުނަރުވެރި ކުޅުމަށް ބަލައި ސްކޮޑުގެ ފުރަތަމަ ދިހަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެކަން ވަނީ ޔަގީންވެފައެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ޓޮޓެންހަމް އޮތީ ޖުމުލަ 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ދެވަނައިގައި ސިޓީ އޮތީ 23 ޕޮއިންޓާއެކު ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި އެއް ޕޮއިންޓެއްގެ ފަރަގެއްގައި އޮތީ އާސެނަލެވެ.

ރޭގެ މެޗަށްފަހު ރިޗާލިސަން ފެންކަޅިވެހުރެ ބްރެޒިލް އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުޑަ ކަޅުވަޔަށް މީގެ ކުރިން ވެސް އަނިޔާވި ކަމަށާއި އެއްކޮށް ފަސޭހަ ވުމަށް ދެ މަހެއްހާ ދުވަސް ނެގި ކަމަށެވެ.

"ވަރަށް ދެރަވޭ ވޯލްޑް ކަޕް މިހާ ކައިރިވެފައި އޮއްވާ އަނިޔާއެއްވީމަ. އަހަރެން އެވަޓަންގައި ހުއްޓާ ވެސް ކުޑަ ކަޅުވަޔަށް މި މައްސަލަ ދިމާވި. އެކަމުން އަރައިގަންނަން ދެމަހެއްހާ ދުވަސް ވި. އަހަރެން އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް ރަނގަޅުވާނެ ކަމަށް،" ރިޗާލިސަން ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޮނިއޯ ކޮންޓޭ ބުނީ ރިޗާލިސަންގެ ކުޑަ ކަޅުވަޔަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ ކަމަށާއި ވީހާ ވެސް އަވަހަކަށް ޓެސްޓު ތައް ހަދާނެ ކަމަށެވެ.

"އަދި ނޭނގޭ އަހަރެމެނަކަށް އޭނާގެ ކުޑަ ކަޅުވަޔަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއް ކަމެއް. އަހަރެން އުންމީދު ކުރަނީ މިއީ ސީރިއަސް އިންޖަރީ އަކަށް ނުވާނެ ކަމަށް. މާދަމާ އޭނާގެ އެމްއާރްއައި ޓެސްޓުތައް ހަދާނެ. އޭނާއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް،" ކޮންޓޭ ބުންޏެވެ.

ރިޗާލިސަން ވަނީ މިއަހަރު ބްރެޒިލްގެ ޓީމަށް ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ. ޕްރިމިއާ ލީގުގެ ކެރިއަރުގައި އޭނާ ވަނީ ޖުމުލަ 179 މެޗު ކުޅެ، 48 ގޯލާއި 18 އެސިސްޓު ހަދާފައެވެ. އޭނާއަކީ ފޯވާޑެއް ނަމަވެސް އިދިކޮޅު ކުޅުންތެރިން އަތުން ބޯޅަ ހޯދުމުގައި ތަފާތު އުކުޅުތައް ބޭނުންކުރާ ކުޅުންތެރިއެކެވެ. މީގެ ކުރިން އެވަޓަން އަށް ކުޅުން ރިޗާލިސަން ޓޮޓެންހަމަށް ސޮއި ކުރީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ.