އިނގިރޭސި ޕްރިމިއާ ލީގުގައި، ސައުތެމްޓަން އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް ހިފެހެއްޓިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ނިއުކާސަލުން ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ސައުތެމްޓަން އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާއިންނެވެ. އާސެނަލަށް ލިބުނު އެއް ޕޮއިންޓާއެކު، އެޓީމު އޮތީ 11 މެޗުން 28 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. އާސެނަލަށް ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ލީޑު ފުޅާކުރުމަށް ފުރުސަތު ނަގާލިއިރު، ނިއުކާސަލުން ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ނިއުކާސަލް އިން 12 މެޗު ކުޅެފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީން ކުޅުނީ 11 މެޗެވެ. ޓޮޓެންހަމް އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ.

އާސެނަލް މެޗަށް ބަލާއިރު، ފުރަތަމަ ހާފުގައި އާސެނަލުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުުންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މިއީ ބެން ވައިޓް ނެގި ހުރަހަކުން ގްރޭނިޓް ޝަކާ ޖެހި ގޯލެކެވެ. މި މެޗުގައި ސައުތެމްޓަން އިިން އެއްވަރުކުރި ގޯލު ޖެހީ 65 ވަނަ މިނިޓްގައި އެލްޔޫނެސީ ދިން ބޯޅަ އަކުން ސްޓުއާޓް އާމްސްޓްރޯންގްއެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފައެވެ.

ޓޮޓެންހަމް ދަނޑުގައި މިރޭ ކުޅުނު މެޗު ނިއުކާސަލުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލް އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނަގައިފައެވެ. މެޗުގެ 31 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކަލުމް ވިލްސަން ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑެއް ނަގައިދީފައެވެ. އޭގެ ނުވަ މިނެޓް ފަހުން، ޓޮޓެންހަމް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މިގޭލް އަލްމިރޯން ވަނީ ނިއުކާސަލްގެ ލީޑުފުޅާކޮށްދީފައެވެ. މިއީ މި ސީޒަނުގައި އަލްމިރޯން ޖެހި ހަ ވަނަ ގޯލެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ގޯލު ޖަހައިދިނީ ކްލެމެންޓް ލެންގްލެޓް ދިން ޕާހަކުން އެޓީމުގެ އިތުބާރު ހިފޭ ފޯވާޑް ހެރީ ކޭންއެވެ. ކޭން ދެވަނަ ހާފުގައި ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ނިއުކާސަަލްގެ ކީޕަރު ނިކް ޕޯޕް ވަނީ ދިފާއުކޮށްފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވުލްވްސް ދަނޑުގައި 4-0 އިން މޮޅުވެ، ލެސްޓާ ސިޓީ ވަނީ ލީގުގެ 16 ވަނަ އަށް ޖެހިލައިފައެވެ. އަދި ފުލަމް އިން ވަނީ ފަހަތުން އަރައި 3-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު