ގިނަ ދުވަސްތަކަކަށް ފަހު ކުރީގެ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އެނބުރި ކޯޗިންގެ ތެރެއަށް ވަދެ ޓީމަކާ ހަވާލުވާނެ ކަމަށް އޭނާ ބުނެފިއެވެ.

ފްރާންސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒިދާން ރެއާލުގެ ކޯޗު ކަމުން ވަކިވީ އެޓީމުގެ ބޯޑު މެންބަރުންނާ އޭނާއާ މެދު އޮތް ގުޅުން ކުޑަވުމުން، 2021 ވަނަ އަހަރުގެ މެއި މަހުގައެވެ. މިއީ އެ ޓީމުން އޭނާ އިސްތިއުފާ ދިން ދެވަނަ ބުރު ކަމަށްވާ އިރު، އޭނާ ވަނީ އެންމެ ފުރަތަމަ ސީނިއާ ޓީމާ ހަވާލުވެ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ރެއާލަށް ނަގައިދީފައެވެ. އެކަމަކު މިދިޔަ އަހަރު ދެ ވަނަ ފަހަރަށް އިސްތިއުފާ ދިން ފަހުން ހުރީ ޓީމަކާ ހަވާލުނުވެއެވެ.

އިއްޔެ ފްރާންސްގައި ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ވަރަށް އަވަހަށް އޭނާ އެނބުރި ޓީމަކާ ހަވާލުވާނެ ކަމަށެވެ.

"ވަރަށް އަވަހަށް އަހަރެން ކޯޗިންގެ ތެރެއަށް އަންނާނަން. އިންތިޒާރުކޮށްލައިގެން ތިބޭތި. އަހަރެން މިހުރީ ދުރަކު ނޫން،" ޒިދާން ބުންޏެވެ.

އުމުރުން 50 އަހަރުގެ ޒިދާން ވަނީ ރެއާލަށް ދެ ފަހަރަށް ސްޕެނީޝް ލީގު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ދެ ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ދޭ އެވޯޑް ވެސް ހާސިލްކޮށްފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޒިދާން ހަވާލުވުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސް ގައުމީ ޓީމާއެވެ. އޭނާ އެޓީމާ ހަވާލުވެ އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕް ތަށި ކާމިޔާބުކޮށްފިނަމަ، ދުނިޔޭގެ ތާރީހުގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ހުރެ ގައުމީ ޓީމަށް މި ތަށި އެންމެ ފުރަތަމަ ކާމިޔާބު ކޮށްދިން ކަމުގެ ޝަރަފު ލިބިގެންދާނެއެވެ.

އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑިޝޯމްޕްސް ވަކިވާނެކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓަތްކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހު ޒިދާން ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް އެ ރިޕޯޓްތަކުން ބުނެއެވެ.

ރެއާލުގެ މިހާރު ކޯޗު ކާލޮސް އަންޗެލޮޓީ ވަނީ ރެއާލަށް އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގު ވެސް ކާމިޔާބު ކޮށްދީފައެވެ. އެހެންކަމުން ރެއާލުން އަންޗެލޮޓީއާ މެދު އިތުބާރު އެބައޮތެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޒިދާން މިވަގުތު އެންމެ ޝައުގުވެރިވާ ފުޓުބޯޅަ ކުލަބަކީ ފްރާންސްގެ ޕީއެސްޖީއެވެ.

ކިޔުންތެރިންގެ ހިޔާލު