އިނގިރޭސި ޕްރިމިއާ ލީގުގައި، މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އާސެނަލުން ނޮޓެންހަމް ފޮރެސްޓު ބަލިކޮށް ލީގު ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑުން ވެސްޓްހަމް ޔުނައިޓެޑް ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ ތާވަލުގެ ފަސް ވަނައަށް ޖެހިލައިފައެވެ. އާސެނަލުން ފޮރެސްޓު ބަލިކުރީ 0-5 ގެ ނަތީޖާއިން ފަސް ގޯލުގެ ލީޑަކުންނެވެ. މި މޮޅާއެކު އާސެނަލުން ވަނީ ކުޅުނު 12 މެޗުން 31 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ކުޅުނު 12 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު، ރެޝްފޯޑް ޖެހީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާ ބޭރުން ކްރިސްޓިއަން އެރިކްސަން ނެގި ހުރަހަކުން ރެޝްފޯޑް ބޮލުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލި ބޯޅައެކެވެ. މި ގޯލާ އެކު، ރެޝްފޯޑް، ޔުނައިޓެޑަށް 100 ގޯލު ހަމަކޮށްދިނީ 318 މެޗު ކުޅެދީގެންނެވެ. ރެޝްފޯޑަކީ ޔުނައިޓެޑްގެ ކާމިޔާބު ތާރީހުގައި އެ ޓީމަށް 100 ގޯލު ޖަހައިދިން 22 ވަނަ ކުޅުންތެރިޔާ އެެވެ. ރެޝްފޯޑްގެ ކުރިން ޔުނައިޓެޑަށް އެންމެ ފަހުން 100 ގޯލު ހަމަކޮށްދިނީ 2009 ވަނަ އަހަރު ވޭން ރޫނީ އެވެ.

ވެސްޓް ހޭމަށް ދެވަނަ ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ޔުނައިޓެޑުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް އިދިކޮޅު ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވާފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ނޮޓިންހަމްގެ ގޯލު އާސެނަލްއަށް ހުޅުވައިދިނީ ގަބްރިއެލް މާޓިނޭލީއެވެ. މިއީ އާސެނަލްއިން ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑެވެ.

އާސެނަލުން އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގެ އަނެއް ހަތަރު ލަނޑު އާސެނަލް ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ފުރަތަމަ ކޮޅުގައި އާސެނަލްގެ ރެއިސް ނެލްސަން ވަނީ ހަތަރު މިނެޓުގެ ތެރޭގައި ދެލަނޑު ޖަހާފައެވެ. އޭގެ އިރުކޮޅެއް ފަހުން އާސެނަލްއަށް ލީޑު ފުޅާކޮށްދިނީ ތޯމަސް ޕާޓޭއެވެ. އާސެނަލްގެ ފަހު ލަނޑު ޖަހައިދިނީ މާޓިން އޮޑެގާޑްއެވެ. މިއީ މެޗުގެ 78 ވަނަ މިނެޓުގައި ގެބްރިއޭލް ޖޭސަސް ދިން ޕާހަކުން އޮޑެގާޑު ޖެހި ރީތި ގޯލެކެވެ.