ޖުމުލަ 22 ކޯޗުން ޖޫނިއާ ބާސްކެޓްބޯޅަ ކޯޗިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

މިއީ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ކޯހެކެވެ. މި ކޯހުގައި ޖުމުލަ 15 ފިރިހެން ކޯޗުން ބައިވެރިވި އިރު، ހަތް އަންހެން ކޯޗުން ބައިވެރިވެފައެވެ. މި ކޯހަކީ އެމްބީއޭ އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ބޭއްވި ކޯހެކެވެ.

އެމްބީއޭ އިން ބުނީ މި ކޯހަކީ ޒުވާން އާ ކުޅުންތެރިން ބާސްކެޓްބޯޅަ ތަމްރީން ކުރުމުގައި އާ ކޯޗުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެން ދިޔަ ކޯހެއް ކަމަށެވެ. އަދި މިއީ ގައުމީ ޓީމުތަކާއި ކުލަބު ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއެކު ކުރިއަށްގެންދިޔަ ކޯހެއް ކަމަށް ވިދާޅުވިއެވެ.

މި ކޯހުން ފާސްވި ބައިވެރިންނަށް ކޯޗިން ލައިސަންސް ލިބޭނީ ކުރިއަށް އޮތް ތިން މަސް ދުވަހު ކޯޗިންގެ ތެރޭގައި 30 ގަޑިއިރު ފުރިހަމަ ކުރުމުންނެވެ.

އެމްބީއޭ އިން ފާހަގަކުރި ގޮތުގައި 22 ކޯޗަކު މި ކޯސް ފުރިހަމަ ކުރުމަކީ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ބިންގަލެއް ކަމަށާއި މީގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި ކުޑަ ކުދިންނަށް މި ކުޅިވަރަށް ޝައުގުވެރި ކުރެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

މި ކޯހުގެ ބައިވެރިވެރިންނަށް ކިޔަވައި ދެއްވީ ސްޕޯޓްސް ކައުންސިލްގެ ރައީސް، އިބްރާހިމް ނާހިދު، އަހްމަދު ނަޒީފް, މުހައްމަދު ނަސީރު, މުހައްމަދު ހާޝިމް, އަބްދުއްﷲ ރާފިއު އަދި ހަސަން މުހައްމަދު ދީދީއެވެ. މިއީ މިވަގުތު ރާއްޖޭގައި ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗުންތަކެކެވެ.

އެމްބީއޭ އިން އަންނަނީ ރާއްޖޭގައި ބާސްކެޓްބޯޅަ ކުޅިވަރަށް އޮންނަ ލޯބި އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޑަ ކުދިންނަށް އަމާޒުކޮށްގެން މިނީ ބާސްކެޓްބޯޅަ ފެސްޓިވަލެއް ވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު