ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ހުއްޓާލަން އުޅޭ ކަން މިރޭ އިއުލާންކޮށްފިއެވެ.

ސްޕެއިންގެ ޑިފެންޑާރު ބާސެލޯނާގައި މިހާތަނަށް ވަނީ 14 އަހަރު ހޭދަކޮށްފައެވެ. އޭނާގެ ފަހު މެޗަކީ އަންނަ ހޮނިހިރު ދުވަހު ބާސެލޯނާ ދަނޑުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ސްޕެއިންއާ އެކު ހޭދަ ކުރި މުއްދަތުގައި އޭނާ ވަނީ ޔޫރޯ ދެ ފަހަރު، ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެދީފައެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ޕީކޭ ބުނީ އޭނާއަކީ އަބަދުވެސް ބާސެލޯނާގެ ސަޕޯޓަރެއް ކަމަށާއި އޭނާ އުފަންވެފައި ވަނީ ވެސް ބާސާ ސަޕޯޓަރުން ތިބި އާއިލާއަކަށް ކަމަށެވެ. އަދި ކުޑައިރުއްސުރެން ފެށިގެން ބޭނުންވީ ބާސެލޯނާ އަށް ކުޅެން ކަމަށް ވެސް ޕީކޭ ބުންޏެވެ.

ބާސާ އަށް ފަހު އެހެން ޓީމަކަށް ނުކުޅޭނެ ކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށާއި އެންމެ ފަހުން އެކަން ވެގެން ދިޔައީ ވެސް އެގޮތަށް ކަމަށް ޕީކޭ ބުންޏެވެ.

"ހޮނިހިރު ދުވަހުގެ މެޗަކީ އަހަރެން ކޭމްޕް ނައުގައި ކުޅޭނެ ފަހު ދުވަސް، އަހަރެން ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި އެކަމަކު ހުންނާނަން. އަހަރެން ޓީމަށް ސަޕޯޓް ކުރާނަން. ބާސާ އަށް އޮތް ލޯބި ދަރިންނާ ހަމައަށް ފޯރުކޮށްދޭނަން، އަހަރެންގެ އާއިލާ އިން ކަންތައް ކުރި ގޮތަށް،" ޕީކޭ ބުންޏެވެ.

ޕީކޭއަކީ ސްޕެއިންގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރެއިން އެކަކެވެ. ބާސެލޯނާގެ އެންމެ ވަރުގަދަ ޑިފެންޑަރުގެ ގޮތުގައި ފާހަގަ ކުރެވުނު ކާލޯސް ޕުޔޯލް އާއި ޖަވިއޭ މަޝެރާނޯ ފަދަ ކުޅުންތެރިންނާ އެކުގައި ވެސް ޕީކޭ ވަނީ ކުޅެފައެވެ.

ޕީކޭގެ ފުޓްބޯޅަ ކެރިއަރު ފެށީ ބާސާގެ ޔޫތް ޓީމުން ކަމަށްވާއިރު އޭނާ ވަނީ ބާސާ ދޫކޮށްލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ޒަރަގޯޒާ އަށް ކުޅެފައިވެއެވެ. ޕީކޭ އެނބުރި ބާސާ އަށް އައިސް އެ ޓީމުގެ ސީނިއާ ޓީމުގައި ކުޅެން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައި ޕީކޭ ވަނީ އެ ޓީމަށް ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިނުމަށް އެހީތެރިވެދީފައެވެ.

ބާސާ އަށް 615 މެޗު ކުޅެދީ 53 ގޯލް ކާމިޔާބުކޮށްދީފައިވާ ޕީކޭ ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު އަށް ފަހަރު، ސްޕެނިޝް ކަޕް ހަތް ފަހަރު ކާމިޔާބު ކުރިއެވެ.

ޕީކޭ ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ.