ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ޑިފެންޑަރު ޖެރާޑް ޕީކޭއާ އޭނާގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާ ދެމެދު މިހާރު ހިނގަމުންދާ އަރާރުންގަނޑުގެ ތެރޭގައި މަޝްހޫރު ގަޑި ބްރޭންޑް "ކޭސިއޯ" އަށް ގެއްލުމާ ކުރިމަތިވެއްޖެއެވެ.

ޝަކީރާ އާއި ޕީކޭ 11 އަހަރު ވަންދެން އެކުގައި އުޅުމަށް ފަހު ވަކިވީ މިދިޔަ އަހަރުއެވެ. އަދި އެ ދެ މީހުންގެ ގުޅުން އަނެއްކާވެސް ގޯސްވީ ޕީކޭއަށް މަލާމާތްކޮށް ޝަކީރާ ލަވައެއް ނެރުމުންނެވެ.

އެ ލަވަ ވަރަށް ބޮޑަށް ވައިރަލް ވެފައިވާ އިރު ޝަކީރާ ވަނީ ޕީކޭގެ އާ ލޯބިވެރިޔާއަށް ވެސް މަލާމަތްކޮށްފައެވެ.

އެގޮތުން ޝަކީރާ ކަހަލަ މަޝްހޫރު ތަރިއަކު ދޫކޮށް އާދައިގެ ލޯބިވެރިޔަކު ހޯދުމަކީ އަގުބޮޑު ރޮލެކްސް ގަޑިއެއްގެ ބަދަލުގައި އަގު ހެގު ހެޔޮ ކޭސިއޯ ގަޑިއެއް އެޅުން ކަމަށް ވަނީ ސިފަކޮށްފައެވެ.

އެކަމާ ގުޅިގެން ޕީކޭ ވެސް ދަނީ ޝަކީރާއަށް މަލާމާތް ކުރުމުގެ ގޮތުން ކޭސިއޯ ގަޑިވެސް އަޅައި ފޮޓޯ ނަގަމުންނެވެ.

އޭގެ އިތުރުން ފޭނުން ވެސް ދަނި ކޭސިއޯ ގަޑިއާ ގުޅޭ ފޭކް އެކައުންޓްތައް ހަދައި ޕީކޭ، ކޭސިއޯ އިޝްތިހާރުކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ދޮގު ހަބަރުތައް ފަތުރަމުންނެވެ.

ހަމަ އެހެންމެ މީހުން ދަނީ ކޭސިއޯ ޝަކީރާއާއި ޕީކޭ ގުޅުވައި ވަރަށް މަޖާ ޓުވީޓުތައް ވެސް ކުރަމުންނެވެ.

"ޝަކީރާއާއި ޕީކޭގެ ގުޅުމަށް ވުރެ ގިނަ ދުވަސް ވާނެ ކޭސިއޯގެ ބެޓެރި ލައިފް" ކޭސިއޯގެ ނަމުގައި ފޭކް އެކައުންޓެއް ހުޅުވައި މީހަކު ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ.

ޖެރާޑް އާއި ޝަކީރާގެ ދެ ފިރިހެން ކުދިން ތިބެއެވެ. އެއީ ހަތް އަހަރުގެ މިލާން އާ ފަސް އަހަރުގެ ސާޝާއެވެ.