އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ މުބާރާތަށް ނުކުންނަނީ، 1962 ވަނަ އަހަރު ބްރެޒިލުން ތަށި ދިފާއުކުރި ފަހުން، އެކަން ހާސިލްކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.

ފްރާންސުން ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. އަދި 1998 ވަނަ އަހަރު ވެސް ފްރާންސުން ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ޑީ ގަ އެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 3

މިހާތަނަށް ވޯލްޑް ކަޕުގައި ކުޅުން އަދަދު: 15

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2018 ވަނަ އަހަރު ކަމަށްވާއިރު އެޓީމުން ވަނީ މި މުބާރާތުގައި މޮޅު ޕާފޯމެންސެއް ދައްކާފައެވެ.

ކޯޗު: ޑިޑެއާ ޑިޝޯމްޕްސް

މި ފަހަރުގެ ސްކޮޑުގައި 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޓީމުގެ 11 ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޓޮޓެންހަމް ހޮޓްސްޕާސްގެ ހޫގޯ ލޮރިސް އާއި ބަދަލު ކީޕަރު ރޭނިސްގެ ސްޓީވް މަންޑަންޑާ އާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ހިމެނެ އެވެ.

ފްރާންސްގެ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އަށް އަނިޔާވެފައިވާތީ މި ފަހަރު މެދުތެރެ ބަލަހައްޓާނީ ޔުވެންޓަސްގެ އެޑްރިއަން ރަބިއޯ އާއި ރެއާލް މެޑްރިޑުގެ އޯރެލިން ޗުއަމެނީ އާއި އެޑުއާޑޯ ކަމަވިންގާ އެވެ.

ފާހަގަ ކޮށްލެވޭ މުހިއްމު ކުޅުންތެރިން

ކިލިއަން އެމްބާޕޭ

ފްރާންސްގެ ކުލަބެއް ކަމަށްވާ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް އެމްބާޕޭ އަކީ ގޯލާ އެންމެ ރައްޓެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އެންމެ ފަހުގެ ފްރާންސް ލީގު ކާމިޔާބު ކޮށްދިނުމުގައި ޕީއެސްޖީއަށް މުހިއްމު ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިޔާ އަކީ ވެސް އެމްބާޕޭ އެވެ. އެމްބާޕޭ އަކީ އެެހެން ކުޅުންތެރިންނަށް ވުރެ ދުވެލި ބާރު އާދަޔާ ހިލާފަށް ބާރަށް ބޯޅައިގައި ޖަހާ ކުޅުންތެރިއެކެވެ. އެމްބާޕޭ ފުޓުބޯޅައިގެ ދުނިޔެއަށް ވިދާލީ ވެސް ވޯލްޑް ކަޕުންނެވެ. އޭނާ ދެއްކި މޮޅު ހުނަރުވެރި ކުޅުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ. އުމުރުން އެންމެ 19 އަހަރުގެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނު އިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ ޒުވާން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެމްބާޕޭއެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭގެ އެންމެ ބޮޑު އުންމީދަކީ މި އަހަރުގެ ވޯލްޑް ކަޕުގެ ތަށި ކާމިޔާބު ކުރުމެވެ.

ކަރީމް ބެންޒެމާ

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ފުރުސަތު ދީފައިވާތީ އޭނާ އަށް 2014 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު މި ފަހަރު ލިބޭނެ އެވެ. ބެންޒެމާ އަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ. އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ބެންޒެމާ ވަނީ ހޯދާފައެވެ. އަދި ބެންޒެމާ ވަނީ ރެއާލަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދިނުމުގައި ރެއާލަށް މުހިއްމު ގޯލު ތަކެއް ޖަހައިދީފައެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ފަސް ގޯލު ޖަހާފައެވެ. މިދިޔަ އަހަރުގެ ސީޒަން ބެންޒެމާ ނިންމާލީ 46 މެޗު ކުޅެގެން 44 ގޯލާ އެކުއެެވެ،

އެޑުއާޑޯ ކަމަވިންގާ

އުމުރުން 20 އަހަރުގެ ކަމަވިންގާ އަކީ ރެއާލް މެޑްެރިޑުގެ މެދު ތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި ރެއާލްގެ މެދު ތެރެ އެންމެ ރަނގަޅަށް ބެލެހެއްޓުނީ ކަމަވިންގާ ކުރި ހިތްވަރުންނާއި މަސައްކަތުންނެވެ. މިއީ ކަމަވިންގާ ކުޅޭ އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ވީ ނަމަވެސް އޭނާ މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލައި ފްރާންސުގެ ފޭނުންގެ ސަމާލުކަން ކަމަވިންގާ ވަނީ ހޯދާފައެވެ. ކަމަވިންގާގެ އުމުރުން 19 އަހަރު ވީ އިރު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ސުޕާކޮޕާ ޗެމްޕިއަންކަން ހޯދާފައެެވެ.

ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑް

ގޯލްކީޕަރުން: ހޫގޯ ލޮރިސް (ޓޮޓެންހަމް ހޮޓްސްޕާސް/އިންގްލެންޑް)، ސްޓީވް މަންޑަންޑާ (ރެނޭ / ފްރާންސް)، އަލްފޮންސޯ އަރެއޯލާ (ވެސްޓް ހޭމް/އިންގްލެންޑް)

ޑިފެންޑަރުން: ލޫކަސް ހެނާންޑޭޒް (ބަޔާން މިއުނިކް/ޖަރުމަން)، ތެއޯ ހެނާންޑޭޒް (އޭސީ މިލާން/އިޓަލީ)، ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ/ފްރާންސް)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް/އިންގްލެންޑް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ/ސްޕެއިން)، ބެންޖަމިން ޕަވާޑް (ބަޔާން މިއުނިކް/ޖަރުމަން)، ވިލިއަމް ސަލީބާ (އާސެނަލް/އިންގްލެންޑް)، ރަފައެލް ވަރާން (މެންޗެސްޓާ ޔުނައިޓެޑް/އިންގްލެންޑް)، ޑަޔޯޓް އުޕަމެކާނޯ (ބަޔާން މިއުނިކް/ ޖަރުމަން)

މިޑްފީލްޑަރުން: އެޑުއާޑޯ ކަމަވިންގާ (ރެއާލް މެޑްރިޑް/ސްޕެއިން)، ޔޫސޮފް ފޮފާނާ (މޮނާކޯ/ފްރާންސް)، މަޓެއޯ ގުއެންޑޫޒީ (މާސޭ ފްރާންސް)، އެޑްރިއަން ރަބިއޯ (ޔުވެންޓަސް/އިޓަލީ)، އައުރެލިން ޗުއަމެނީ (ރެއާލް މެޑްރިޑް/ ސްޕެއިން)، ޖޯޑަން ވެރެޓޫ (މާސޭ)

ފޯވާޑުން: ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް/ސްޕެއިން)، ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް/ޖަރުމަން)، އޮސްމާން ޑެމްބެލޭ (ބާސެލޯނާ/ސްޕެއިން)، އޮލިވިއޭ ޖިރޫ (އޭސީ މިލާން/އިޓަލީ)، އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް/ސްޕެއިން)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ/ފްރާންސް)، ކްރިސްޓޮފާ އެންކުންކޫ (އާރްބީ ލައިޕްޒިގް/ޖަރުމަން).

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފުޓުބޯޅައިގެ ތެރެއަށް ސިޔާސަތު ވެއްދުމުގެ ހުއްދަ މިހާރު އޮންނަނީ ޔަހޫދީންނާއި ނަސާރާއިންނަށް. އަދި އަމުދުން ދުނިޔޭގެ ތަށިވެސް މި ލިބެނީ މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ޤައުމުތަކަށް. އެހެންވީމާ އެމްބައްޕޭއަކާ ކަމަވިންގާއަކާ އެ ނޫން މީހުން ސެލެބްރިޓީންނަށް ބަލާ އެމީހުންގެ ދިރިއުޅުން ހޯދާ އެއިން ޢިބްރަތްލިބި އެ މީހުންގެ މަގުން ހިނގާ އެ ގޮތް ރީތިވެގެން އުޅުން ނިކަމެތި އަޅާއަށް ކަމުނުދާތީވެ މިފަހަރުގެ ވޯލްޑްކަޕް ނުބަލަން އަޒުމްކަނޑައަޅައިފިން.
    ވޯލްޑްކަޕް ފެށުމުގެ ހަމަސްކުރިން ވޯލްޑްކަޕަށް ތައްޔާރުވެ، ޕްރޮމޯޝަންތައް ހިންގާ އިނާމު ދިނުމަށް ވުރެ ދަންވަރު ތެދުވެ ތަހައްޖުދު ނަމާދުކޮށް ފަތިސް ނަމާދަށް އިންތިޒާރުކޮށް ފަތިސްނަމާދުކޮއްލުން ހާސް ތަނުން މޮޅުވެފައި އަޖުރުބޮޑުވާނެ

    15