ނެދަލެންޑްސް އަކީ ވޯލްޑް ކަޕްގައި އެންމެ ނަސީބު ދެރަ ޓީމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވޯލްޑް ކަޕުގައި ތިން ފަހަރަށް ފައިނަލުގައި ކުޅުނު ނަމަވެސް އެއްވެސް ފަހަރަކު ތަށި އުފުލާލެވިފައެއް ނެތެވެ.

ނެދަލެންޑްސް ޓީމުން ވަނީ 1974 އަދި 1978ގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވެފައެވެ. އެގޮތުން 2010 ވަނަ އަހަރު ނެދަލެންޑްސް ބަލިވީ ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައެވެ. މި މުބާރާތުގައި ގިނަ ބައެއްގެ ފޭވަރިޓް ގޮތުގައި ނެދަލެންޑްސް ވަނީ ފާހަގަ ކޮށްފައެވެ. ނެދަލެންޑްސް ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ނެދަލެންޑްސްގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ލިވަޕޫލުގެ ޑިފެންޑަރ ވާޖިލް ވެން ޑައިކްއެވެ. ވެން ޑައިކް އަކީ ޓީމުގެ ކެޕްޓަން ވެސް މެއެވެ. ނެދަލެންޑްސްއަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ވެން ޑައިކް، މީގެ ކުރިން ވޯލްޑް ކަޕެއްގައި ކުޅެފައެއް ނުވެއެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕެވެ. މިހާތަނަށް ނެދަލެންޑްސްއަށް ކުޅުނު 49 މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައިދީފައެވެ.

މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޓީމު މި ފަހަރު ހިމެނެނީ ގަތަރާއި އެކުއެޑޯގެ އިތުރުން އެފްރިކާގެ ޗެމްޕިއަން، ސެނެގާލްއާ އެއް ގްރޫޕެއްގައެވެ.

މި މުބާރާތުގައި ނެދަލެންޑްސް އެންމެ ފުރަތަމަ ކުޅޭނީ މި ގުރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށް ބެލެވޭ ސެނެގާލްއާއެކު މި މަހު 21 ވަނަ ދުވަހުއެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 8

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 10
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ރަނަރަޕް 2010، ރަނަރަޕް 1974، ރަނަރަޕް 1978، ރައުންޑް އޮފް 16 1990، ކުއާޓާ ފައިނަލް 1994، ރައުންޑް އޮފް 16 2006، ތިންވަނަ 2014،

ކޯޗު: ލުއިސް ވެން ހާލް (އުމުރު: 71)

އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ

ޒަވީ ސިމޯންްސް

އުމުރުން 19 އަހަރުގެ ޒަވީ ސިމޯންސް ވަނީ ނެދަލެންޑްސްގެ ފަސް އުމުރުފުރައެއްގެ ގައުމީ ޓީމަށް މީގެ ކުރިން ކުޅެފައެވެ. އެކަމަކު، ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނިފައިނުވެއެެވެ. މި ފަހުން ޒަވީ ސިމޯންސް ހުރި ފޯމަށް ބަލައި، ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ނިންމީ އޭނާ ވޯލްޑް ކަޕަށް ނެދަލެންޑްސް އިން ގެންދާ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާށެވެ. ބާސެލޯނާ ޔޫތު ޓީމު ދޫކޮށް، ޒަވީ ސިމޯންސް ފަހުން ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް އެ ޓީމުން ވެސް ފުރުސަތު ނުލިބޭތީ މި ފަހަރު ސީޒަން ފެށުމުގެ ކުރިން ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޕީއެސްވީ އެއިންދޯވަން އަށް ސޮއިކުރީއެވެ. އެ ޓީމަށް ސީޒަނުގެ މިހާތަނަށް ކުޅުނު 21 މެޗުން ޒަވީ ސިމޯންސް ވަނީ 10 ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޒަވީ ސިމޯންސްގެ އިތުރުން ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރ ޑި ޔޮންގް އަކީ ނެދަލެންޑްސް މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ ޑި ޔޮންގް އަންނަނީ ކުލަބު ލެވެލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު، އޭނާ ހުރީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ނެދަލެންޑްސްގެ ވޯލްޑް ކަޕް ސްކޮޑު:

ނެދަލެންޑްސް ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ޑޯނީ ވެން ޑަ ބީކް، ނިއުކާސަލް ޔުނައިޓެޑްގެ ސްވެން ބޮޓްމަން، އެންއީސީ ނިއެޖްމަންގެ ކީޕަރު، ޔެސްޕާ ސިލިސަން އަދި ބަޔާން މިއުނިކްގެ ރަޔާން ގްރަވެންބާޗް ހިމެނެއެވެ.

ގޯލްކީޕަރުން: ޖަސްޓިން ބިލީއޯ (ފެޔަނޫޑް)، ރެމްކޯ ޕަސްވިއޭ (އަަޔަކްސް)، އަންޑްރެސް ނޮޕާޓް (ހީރެންވީން)

ޑިފެންޑަރުން: ނޭތަން އަކޭ (މެންޗެސްޓާ ސިޓީ)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، މަތައިސް ޑި ލިޓް (ބަޔާން މިއުނިކް)، ޔޫރިއަން ޓިމްބާ (އަޔަކްސް)، ސްޓެފަން ޑި ވްރައި (އިންޓަ މިލާން)، ޑޭލީ ބްލިންޑް (އަޔަކްސް)، ޑެންޒެލް ޑަމްފްރީސް (އިންޓަ މިލާން)، ޓައިރަލް މަލާސިއާ (މެންޗެސްޓާ ޔުނައިޓެޑް)، ޖެރެމީ ފްރިމްޕޮން (ބަޔާ ލެވަކޫސަން)

މިޑްފީލްޑަރުން: ސްޓީވެން ބާގްހައުސް (އަޔަކްސް)، ފްރެންކީ ޑި ޔޯން (ބާސެލޯނާ)، ޓެން ކޫޕްމެއިނާސް (އެޓަލަންޓާ)، މާޓީން ޑެ ރޫން (އެޓަލަންޓާ)، ޑޭވީ ކްލާސެން (އަޔަކްސް)، ކެނެތު ޓޭލާ (އަޔަކްސް)، ޒަވީ ސިމޯންސް (ޕީއެސްވީ އެއިންދޯވަން)

ފޯވާޑުން: ސްޓީވެން ބާގްވެއިން (އަޔަކްސް)، މެމްފިސް ޑިޕާއި (ބާސެލޯނާ)، ކޯޑީ ގަކްޕޯ (ޕީއެސްވީ އެއިންދޯވަން)، ވިންސެންޓް ޖެންސަން (ރޯޔަލް އެންޓްވާޕް)، ލޫކް ޑި ޔޯން (ޕީއެސްވީ އެއިންދޯވަން)، ވައުޓް ވެގްހޯސްޓް (ބެސިކްޓާސް)، ނޮއޯ ލޭންގް (ކްލަބް ބްރޫޖް)