މިމަހުގެ 20 ގައި ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕާއި ދިމާކޮށް، އިސްރޭލުގެ ފްލައިޓްތަކަށް ގަތަރަށް ދެވޭ ގޮތަށް ވަގުތީ ހުއްދައެއް ދިނުމަށް ގަތަރުން ފީފާއާއިއެކު އެއްބަސްވެއްޖެއެވެ.

ގަތަރުން އިސްރޭލާއެކު ގުޅުމެއް ނުބާއްވައެވެ. އެކަމަކު، ވޯލްޑް ކަޕަށް ދެގައުމުގެ ދެމެދުގައި ޗާޓަރ ފްލައިޓްތަކެއް ބޭއްވުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.

މިކަމާއި ގުޅިގެން އިސްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ، އިސްރޭލުގެ ޔަހޫދީން ވޯލްޑް ކަޕް ބެލުމަށް ގަތަރުގައި މަޑުކުރާ ދުވަސްތަކަށް ހުރިހާ ކޮންސިއުލާ ހިދުމަތްތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ހޯދާފައިވާ ކަމަށެވެ.

"މެދު އިރުމަތީގައި ބޭއްވޭ ފުރަތަމަ ވޯލްޑް ކަޕް ކަމުން، މިއީ އިސްރޭލުގެ މީހުންނަށް އެހެން ގައުމުތަކާއި އިތުރަށް ގުޅުން ރަނގަޅު ކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ގަބޫލުކުރަން" އެގައުމުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލޮން އުޝްޕިޒް ބުންޏެވެ.

މި އެއްބަސްވުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ވޯލްޑް ކަޕް ބަލާލަން ގަތަރަށް ދެވޭނެއެވެ.

"މި އެއްބަސްވުމާއެކު، ފަލަސްތީނު މީހުންނާއި އިސްރޭލުގެ މީހުންނަށް އެކުގައި ވޯލްޑް ކަޕް ބަލާލަން ގަތަރަށް ދެވޭނެ" ފީފާގެ ރައީސް ޖިއަނި އިންފެންޓީނޯ ވިދާޅުވިއެވެ.

އިސްރާއީލާއިއެކު ގާއިމުކުރި އެއްބަސްވުުމުގައި ފަލަސްތީން މީހުންނަށް ވެސް ވޯލްޑްކަޕް ބަލަން އިސްރާއީލް މީހުންނާއިއެކު ދެވޭނެ ކަމަށް ބުނެފައި ވީނަމަވެސް އަދި އެކަމުގެ ތަފްސީލްތަކެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ފަލަސްތީންގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ މީހުން ޣައްޒާ ވެސް ހިމެނޭ ގޮތައް ގަތަރަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ފީފާ އިން ބުނެއެވެ.

އާބާދީގައި 2.9 މިލިއަން މީހުން އުޅޭ ގަތަރަށް އެ ގައުމުގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނަ ބަޔަކު އެތެރެވާނީ މި ފަހަރުގެ ވޯލްޑްކަޕަށެވެ. މިހާތަނަށް ޤަޠަރުން ވަނީ ގާތްގަނޑަކަށް 220 ބިލިއަން ޑޮލަރު މުބާރާތާ ގުޅޭ އެކި ކަންކަމަށް ޚަރަދު ކޮށްފައެވެ.