ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 42 މިލިއަން އެމެރިކާ ޑޮލަރު ދޭގޮތައް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން ބާއްވާ ވޯލްޑް ކަޕް މުބާރާތެވެ. މި މުބާރާތުގެ ތައްޔާރީތަކަށް ވެސް 1696 މިލިއަން ޑޮލަރު ހޭދަކުރިކަމަށް ރިޕޯޓުތައް ބުނާއިރު، މިފަހަރުގެ މުބާރާތަށް ކަނޑައެޅި ފައިސާގެ އިނާމުގެ ބަޖެޑް ވެސް 440 މިލިއަން ޑޮލަރަށް އަރައެވެ.

އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕު މުބާރާތަށް ކަނޑައެޅި ބަޖެޓަކީ 400 މިލިއަން ޑޮލަރެވެ. ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަނުންނަށް ދީފައިވަނީ 38 މިލިއަން އެމެރިކާ ޑޮލަރެވެ. މި އަހަރުގެ މުބާރާތަށް ހަތަރު މިލިއަންގެ ފައިސާގެ އިނާމް އިތުރުކޮށްފައިވެއެވެ.

މި ފަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމަށް 30 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު، ނިމިގެން ދިޔަ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމަށް ދީފައިވަނީ 28 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގައި މި މުބާރާތް އޮންނަ އިރު، ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ދަނޑަށް ވަނުމަށް ފާސް ހޯދުމަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ގަތަރުން ބުނެއެވެ.

މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ އެކި ވަނަތަކަށް ދޭން ނިންމާފައިވާ ފައިސާގެ އިނާމްތަކުގެ ތަފްޞީލް

  • ގުރޫޕް ސްޓޭޖު: ކޮންމެ ޓީމަކަށް 9 މިލިއަން ޑޮލަރު
  • ގަދަ 16 ވަނަ ބުރު : ކޮންމެ ޓީމަކަށް 13 މިލިއަން ޑޮލަރު
  • ކުއާޓާ ފައިނަލް : ކޮންމެ ޓީމަކަށް 17 މިލިއަން ޑޮލަރު
  • ރަނަރަޕް ޓީމް : 30 މިލިއަން ޑޮލަރު
  • ޗެމްޕިއަން ޓީމް: 42 މިލިއަން ޑޮލަރު
  • މުބާރާތުގެ ހަތަރު ވަނައަށް : 25 މިލިއަން ޑޮލަރު
  • މުބާރާތުގެ ތިންވަނައަށް : 27 މިލިއަން ޑޮލަރު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަކީ އެގައުމަށް ލިބިގެންދާނެ ޝަރަފެއްގެ އިތުރުން ކުޅިވަރަށް އަންނާނެ އީދެކެވެ. މިއީ މުޅިން އަލަށް ގަތަރުގައި ވޯލްޑް ކަޕް ބޭއްވޭ ފަހަރު ކަމަށްވާއިރު، އިންތިޒާމުގެ ގޮތުން ފެންވަރު ރަނގަޅު ކުރުމަށް ގަތަރުން އަންނަނީ ޓެކްނޮލޮޖީގެ ބޭނުން ވަރަށް ރަނގަޅަށް ބޭނުން ކުރަމުންނެވެ.

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އެެހެން އަހަރުތަކަށް ވުރެ ވެސް ފެންވަރު ރަނގަޅު އަދި ފޯރިގަދަ މުބާރާތަކަށެވެ.