އިންގްލެންޑުގެ ގައުމީ ޓީމުން 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގައި ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު، 2020 ވަނަ އަހަރުގެ ޔޫރޯގައި ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި އެއަށްފަހު 2022 ވަނަ އަހަރުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތަށް ކޮލިފައިވެފައިވަނީ ވަރަށް ފަސޭހަކަމާ އެކުގައެވެ.

ޔޫރަޕުން ކޮލިފައިވި ހުރިހާ ގައުމުތަކެއްގެ ތެރެއިން ވެސް ގްރޫޕް ސްޓޭޖުގައި ލަނޑުގެ އެންމެ ބޮޑު ތަފާތެއް ހޯދާފައިވަނީ އިނގްލެންޑުންނެވެ. އެ ގައުމުން 39 ގޯލް ޖަހާފައިވާއިރު ޓީމުގެ ގޯލަށް ވަނީ އެންމެ ތިން ގޯލެވެ. އެހެންކަމުން، މިއީ އިންގްލެންޑްގެ ކޯޗު ސައުތު ގޭޓް އަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އޭނާގެ އަމާޒަކީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދައިގެން ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ޖެހުމެވެ.

އިރާނުން ވެސް މި ވޯލްޑުކަޕުގެ ކޮލިފައި ވުމުގެ މަރުހަލާގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އޭޝިއަން ކޮލިފައިންގެ ތިންވަނަ ބުރުގައި އިރާނުން ވަނީ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފައެވެ. އެ ޓީމުގެ ގޯލަށް އިދިކޮޅު ޓީމަށް ޖެހިފައިވަނީ އެންމެ ހަތަރު ގޯލެވެ.

އިރާނު އޮތީ ވެސް ފީފާ ރޭންކިންގެ 20 ވަނައިގައެވެ. ސާބިއާ، ޕޮލެންޑު، މޮރޮކޯ ފަދަ ގައުމުތަކަށްވުރެ ވެސް އިރާނުގެ ރޭންކިން އުޅެނީ މަތީގައެވެ.

ހައިރާންކުރަނިވި ގޮތަކަށް ވޯލްޑުކަޕު ފެށެން ދެމަހަށް ވެފައި ވަނިކޮށް އިރާނުން ވަނީ ޓީމުގެ ކޯޗު ބަދަލުކޮށްފައެވެ. ޑްރެގަން ސްކޮސިކްގެ ދަށުގައި ތަމްރީން ވަމުންދިޔަ ޓީމް މިފަހަރުގެ ވޯލްޑުކަޕުގައި ކުޅޭނީ ކޯޗު ކާލޮސް ކޭރޯޒްގެ އިރުޝާދުގެ ދަށުންނެވެ. ކޭރޯޒް ގެ ކޯޗުކަމުގައި މިސްރުން ވަނީ މިއަހަރުގެ އެފްރިކަން ކަޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ ކޭރޯޒް ޖެހިޖެހިގެން ވޯލްޑުކަޕަށް ދާ ހަތަރު ވަނަ ފަހަރެވެ.

އިރާނުން މިދިޔަ ބުދަ ދުވަހު ޓިއުނީޝިއާ އާއެކު ކުޅުނު އެކުވެރިކަމުގެ މެޗުން 0-2 ވަނީ ބަލިވެފައެވެ. ނަމަވެސް މި ބައްޔަކީ އިންގްލެންޑާ ދެކޮޅަށް އިރާނުން މިއަދު ނުކުންނަ މެޗަށް އިތުރަށް ތައްޔާރުވާން ލިބުނު އިތުރު ހިތްވަރަކަށް ވާނެއެވެ.

އިރާނަކީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގައިވެސް ފެނިގެންދިޔަ 20 ގައުމުގެ ތެރެއިން އެއް ގައުމެވެ. ނަމަވެސް މި ދެ މުބާރާތް އެއްކޮށްލައިގެންވެސް މި ވިހި ޓީމުގެ ތެރެއިން ގްރޫޕު ސްޓޭޖުގައި އެންމެ މަދު ޝޮޓް(47)، އަމާޒަށް ފޮނުވާލެވުނު އެންމެ މަދު ޝޮޓް(10)، އަދި އެންމެ މަދު ގޯލް(3) ޖެހިފައިވަނީ އިރާނަށެވެ.

މިވަގުތު ގަތަރުގެ ފިނިހޫނުމިން ވަރަށް މަތީގައި ހުރިނަމަވެސް އިންގްލެންޑުގެ އެރިކް ޑެޔާ ހާހެއްނުވެއެވެ. އޭނާ ބުނެފައިވަނީ މިއީ މިހާ ހޫނުގައި ކުޅޭ ފުރަތަމަ ފަހަރުކަމުން ވާނެ ގޮތެއް ނޭނގޭ ކަމަށެވެ. އޭނާ ބުނެފައިވަނީ މި މުބާރާތަކީ އާންމުކޮށް ހޫނުމޫސުމުގައި ކުޅޭ މުބާރާތެއް ކަމަށާއި، 2018 ވަނަ އަހަރު މުބާރާތް ރަޝިއާގައި އޮތް އިރުވެސް ހޫނުގަދަ ކަމަށެވެ. އޭރު އޭނާ ނެތަސް އިންގްލެންޑުގައި މިފަހަރު ޔޫރޯ ކުޅުނު އިރުވެސް ހޫނުގަދަކަމަށާއި އެހެންކަމުން މުބާރާތަށް ތިބީ ތައްޔާރަށް ކަމަށް ޑެޔާ ބުނެއެވެ.

ނިމިގެން ދިޔަ ބޮޑު ދެ މުބާރާތުގައިވެސް ސެމީ ފައިނަލާއި ހިސާބަށް ދެވުނު ޔޫރަޕުގެ ހަމައެކަނި ޓީމަކީ އިންގްލެންޑެވެ.

އިންގްލެންޑުން ފުރަތަމަ ވޯލްޑްކަޕަށް ކޮލިފައި ވީ 1950 ވަނަ އަހަރުއެވެ. އޭގެ ފަހުން ތިން ފަހަރު ފިޔަވާ ހުރިހާ މުބާރާތެއްގައިވެސް އިންގްލެންޑު ވަނީ ފެނިގެން ގޮސްފައެވެ. އަދި ތިންފަހަރު ފިޔަވައި ހުރިހާ ފަހަރެއްގައިވެސް އިންގްލެންޑުންވަނީ ގުރޫޕު ސްޓޭޖުތައް ކަޑައްތުކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އިންގްލެންޑު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އަދި 2018 ވަނަ އަހަރާއި 1990 ވަނަ އަހަރު އެގައުމުން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ވޯލްޑުކަޕްގައި އިންގްލެންޑަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އެގައުމުގައި ބޭއްވި ވޯލްޑުކަޕްގެ ތަށި އުފުލާލުމެވެ.

1978 ގައި ފުރަތަމަ ކޮލިފައިވި ފަހުން މިއީ އިރާން ވޯލްޑްކަޕަށް ކޮލިފައިވި ހަ ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން މުބާރާތަށް ކޮލިފައިވި ތިންވަނަ ފަހަރެވެ. ނަމަވެސް އެއްވެސް ފަހަރަކު އެގައުމަށް ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖުގައިވެސް އެގައުމުން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއީ 1998 ގައި އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗާއި މިދިޔަ ވޯލްޑްކަޕްގައި މޮރޮކާއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ވޯލްޑު ކަޕުގައި އިރާނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1998 ވަނަ އަހަރު އެމެރިކާއައި ދެކޮޅަށް ކުޅުނު މެޗުގައި 2-1 ގެ ތަފާތަކުން މޮޅުވުމެވެ.

އަރާނެ ކަމަށް ބެލެވޭ ފުރަތަމަ އެގާރަ

އިންގްލެންޑު

ހެރީ ކޭން (9)، ބުކާޔޯ ސަކާ(17)، ފިލް ފޯޑެން(20)، ލޫކް ޝޯ(3)، ޑެކްލަން ރައިސް(4)، ޖޫޑް ބެލިންގްހަމް(22)، ކިއެރަން ޓްރިޕިއަރ(12)، ޖޯން ސްޓޯންސް(5)، އެރިކް ޑަޔަރ(15)، ހެރީ މެގުއަޔާ(6)، ޖޯޑަން ޕިކްފޯރޑް(1)

އިރާން

މަހުދީ ޠާރިމީ(9)، ވަހީދް އަމީރީ(11)،އަހުމަދު ނޫރުއްލާހީ(21)، ސާމާން ގުއްދޫސް(14)، އަލީރިޒާ ޖަހަންބަކްޝް(7)، ސައީދު އިއްޒަތުއްލާހީ(6)، އިހްސާން ހާޖްޞަފީ(3)، މާޖިދު ހުސައިނީ(19)، މުހައްމަދު ހުސައިން ކަންއާނީ(13)، ޞާދިގު މުހައްރަމީ(2)، އަލީރިޒާ ބީރަންވަންދް(1)

އިންގްލެންޑުގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއަކީ ހެރީ ކޭން

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ކޭން ވަނީ އެ ގައުމުގެ ފާއިތުވި ވޯލްޑުކަޕުގައިވެސް އަދި ޔޫރޯ ގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކޭން ވަނީ އެންމެ ގިނަ ގޯލް ޖަހާ ރަން ބޫޓުވެސް ހާސިލް ކޮށްފައެވެ. އެ މުބާރާތުގައި ކޭން ޖަހާފައިވާ ޖުމްލަ ހަ ގޯލުގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުތަކުގައެވެ.

އަދި މެމްފިސް ޑިޕޭ އާއިކު މިފަހަރުގެ ވޯލްޑު ކަޕުގެ ކޮލިފައިން ގައިވެސް ޔޫރަޕުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ވަނީ ހޯދާފައެވެ. އަދި މަދުވެން ހަ ގޯލް ޖެހި ހުރިހާ ކުޅުންތެރިންގެ ތެރޭންވެސް އެންމެ މަތީ ކޭންގެ ޝޮޓް ކޮންވާޝަން ރޭޓެވެ. (%36.4)

އިރާންގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ މަހުދީ ޠާރިމީ

ގައުމީ ޓީމުގައި ކުރިއަށް ކުޅޭ މަހުދީ ޠާރިމީ ވަނީ މި ސީޒަން ގައި ޕޯޓޯ ކުޅުނު 19 މެޗުގައި 13 ގޯލު ޖަހާދީފައެވެ. އޭގެ ތެރޭން ފަސް ގޯލު ޖަހާފައިވަނީ ޗެމްޕިއަންސް ލީގުގައެވެ. 2019-2020 އަށް ޕޯޗުގަލް ޕްރިމިއަރ ލީގުގައި 109 މެޗުގައި 60 ގޯލު ޠާރިމީ ޖަހާފައިވެއެވެ. އެ މުއްދަތުގައި އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ޠާރިމީއެވެ.

އޭޝިއަން ކޮލިފައިންގެ ތިންވަނަ ބުރުގައި އެންމެ ހަ ފަހަރު ކުޅުނު ނަމަވެސް އިރާނަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ ޠާރިމީއެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހާ ދެ އެސިސްޓް ކޮށްދީފައެވެ.

ގިނަ މީހުން ހީކުރާ ވަރަށް ވުރެ އީރާން ގެ ޓީމް ވަރުގަދަ ނަމަވެސް އިންގްލެންޑާއިދެކޮޅަށް ކުރި ހޯދުމަކީ އިރާނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މިމެޗް ފެށޭނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ކޮން ހާހެއް ވާކަށް. ސްޓޭޑިއަމްތައް ހުރީ ފިނި ކުރެވިފައި. ފައިސާ ހުރި ގައުމަކުން،ފަސްނުޖެހި ހޭދަ ކޮއްގެން ބާއްވާ މުބާރާތެއް މިއީ. ޔޫރަޕްގެ ބާބޭރިއަނުން ހެން ލާރި މަދުވެދާނެތީ ބިރުން އެއްޗެއް ދޭން ނުކެރިފައި އަރަބިން ނުތިބޭނެ.