ފްރާންސަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. ފީފާ ވޯލްޑް ކަޕްގައި މިފަހަރު ކުޅޭ ޓީމުތަކުގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓަކީ ވެސް ފްރާންސެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، މި އަހަރުގެ މުބާރާތާ ކުރިމަތިލި އިރު، އަނިޔާގެ ގިނަ މައްސަލަތަކެއް އެ ޓީމަށް ދިމާވެފައިވެއެވެ.

މިދިޔަ ވޯލްޑް ކަޕްގައި ފްރާންސްގެ މެދު ތެރެ ބެލެހެއްޓި އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތުގައި ދެ ކުޅުންތެރިންނަށް ނުކުޅެވެއެވެ. އަދި ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕް ގެއްލިފައެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންގް، ކްރިސްޓޮފާ އެންކުންކޫގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެއެވެ. ޕީއެސްޖީގެ ޑިފެންޑަރު، ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް ދިމާވެފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް ވެސް ނުކުޅެވޭނެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އަނިޔާގެ ސަބަބުން އެންމެ ބޮޑަށް ބަލިކަށިވެފައިވާ އެއް ޓީމަކީ ފްރާންސްއެވެ. އެކަމަކު، އެ ކުޅުންތެރިން ނެތް ތަން ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ފްރާންސްގައި އެބަތިބިއެވެ. ފްރާންސް ކުޅުންތެރިން ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކަށެވެ.

ފްރާންސްގެ ފުރަތަމަ މެޗުގައި އެ ޓީމު އޮސްޓްރޭލިއާ އާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބޭނުން ކުރާނެ ކަމަށް އެންމެ މުހިންމު ތިން ކުޅުންތެރިންނަކީ ޕީއެސްޖީ އަށް ކުޅޭ ކިލިއަން އެމްބާޕޭ އާއި އެތްލެޓިކޯ މެޑްރިޑްގެ އެންޓޯނިއޯ ގްރީޒްމަން އަދި އޭސީ މިލާންގެ ފޯވާޑް އޮލިވިއޭ ޖިރޫއެވެ.

ފްރާންސްގެ ކުރީގައި މިފަހަރު ހުންނާނީ ޖިރޫ ކަމަށް ބެލެވެއެވެ. އޭނާ އޮތީ ފްރާންސްގެ ގައުމީ ޓީމަށް 49 ލަނޑު ޖަހައިދީ ލަނޑު ލިސްޓުގެ ދެ ވަނައިގައެވެ. އެއް ވަނައިގައި 51 ގޯލް ޖަހައިގެން އޮތީ ފްރާންސް އާއި އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިދިޔަ ޖޫން މަހާއި ސެޕްޓެމްބަރު މަހު ފްރާންސް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ޕްލޭ އޮފްގައި ޕެނަލްޓީ ޝޫޓްގައި ޕެރޫ ބަލިކޮށްފައެވެ. އެ މެޗުގައި ތަފާތު ދެއްކި ކުޅުންތެރިއަކީ ބަދަލު ކީޕަރެއްގެ ގޮތުގައި އެރި އެންޑްރިއު ރެޑްމޭންއެވެ. އެކަމަކު، މުބާރާތުގައި ކުރިއަށްދާން އޮސްޓްރޭލިއާ ބޭނުންވާ ނަމަ، އެހެން ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކުރަން ޖެހެއެވެ.

އޮސްޓްރޭލިއާ މިހާތަނަށް އައިއިރު، ވޯލްޑް ކަޕްގައި ކުޅުނު ފަސް އަހަރުގެ ތެރެއިން ހަތަރު ފަހަރު ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގައި ކުޅުނު މެޗުތަކުގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެންމެ %13 މެޗެވެ.

އޮސްޓްރޭލިއާ އަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން ފޯވާޑް މާޓިން ބޮއީލްގެ ފަޔަށް އަނިޔާވެފައިވާ އިރު، އޭނާގެ ބަދަލުގައި ސްކޮޑްގައި ހިމަނާފައި ވަނީ މާކޯ ޓިލިއޯއެވެ.

ފްރާންސް ޓީމު.

ފްރާންސް: އެމްބާޕޭ

ބެންޒެމާ އާއި އެންކުންކޫ އަށް އަނިޔާވެގެން ވޯލްޑް ކަޕްގައި ނުކުޅެވޭ އިރު، ފްރާންސްގެ ތަރި އެމްބާޕޭ އަށް މިވަނީ މުހިންމު އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ. ފްރާންސްގެ މުޅި ޓީމު ބިނާވެފައި ވާނީ އެމްބާޕޭއަށެވެ. މި މުބާރާތުގައި އެންމެ ބޮޑު ތަފާތެއް ދައްކާނެ ކަމަށް ބެލެވެނީ ވެސް އެމްބާޕޭއެވެ.

ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރީ އެމްބާޕޭއެވެ. އޭނާ ވަނީ ރަޝިއާގައި ބޭއްވި ވޯލްޑްކަޕްގައި ހަތް ގޯލް ޖަހައިފައެވެ. އޭނާއަކީ ފްރާންސްގެ ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ.

އޭރު އޭނާގެ އުމުރަކީ އެންމެ 19 އަހަރާއި 183 ދުވަހެވެ.

ޕީއެސްޖީގައި ވެސް އެމްބާޕޭ ދައްކަމުން އަންނަނީ ތަފާތު ކުޅުމެކެވެ. މި ސީޒަންގެ ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުގައި އެމްބާޕޭ ވަނީ 19 ގޯލް ޖަހައިފައެވެ.

އޮސްޓްރޭލިއާ ޓީމު

އޮސްޓްރޭލިއާ ރަޔަން

ފްރާންސް ކަހަލަ އެޓޭކިން ޓީމަކާ ދެކޮޅަށް ކުޅޭ އިރު، އޮސްޓްރޭލިއާ އަށް ޑިފެންސް ކުރަން މަޖުބޫރު ވާނެއެވެ. އެހެންކަމުން އެ ޓީމުގެ ފަހަތުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރާނީ ކުރިން ވެލެންސިއާ އާއި ވެލެންސިއާ އަށް ކުޅުނު ކީޕަރު ރަޔަންއެވެ. ފްރާންސުން ފޮނުވާ ހަމަލާތައް ދިފާއު ކުރަން ހުރީ ރަޔަންއެވެ.

ރަޔަން އެފްސީ ކޯޕަންހޭގަން އަށް ބަދަލުވި ފަހުން މާ ގިނަ މެޗުތަކެއް ކުޅެދީފައެއް ނުވެއެވެ. އެކަމަކު، ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ ކުޅުނު 11 މެޗުގައި ރަޔަން ކުޅެފައިވެއެވެ. މިއީ ރަޔަންގެ ތިން ވަނަ ވޯލްޑް ކަޕެވެ.

ފްރާންސާއި އޮސްޓްރޭލިއާ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.