އަނިޔާގެ ސަބަބުން ފްރާންސްގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވުނު ކަމުގައި ވިޔަސް، އެ ޓީމުގައި މިހާރު ވެސް ލީޑަރުން ތިބި ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ޑެންމާކާއި ޓިއުނީޝިއާއެވެ. މީގެ ހަތަރު އަހަރު ކުރިން 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސްގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

ފްރާންސް މުބާރާތާ ކުރިމަތިލި އިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާ އާއި އާރްބީ ލައިޕްޒިގަށް ކުޅޭ ކްރިސްޓޮފާ އެންކުންކޫ އާއި ޕީއެސްޖީގެ ޑިފެންޑަރު، ޕްރެސްނެލް ކިމްޕެމްބޭ އަށް ލިބުނު އަނިޔާއާ ގުޅިގެން އެ ކުޅުންތެރިންނަށް ވަނީ ވޯލްޑް ކަޕް ގެއްލިފައެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ އަނިޔާގެ ސަބަބުން ކުޅުންތެރިންތަކަކަށް ނުކުޅެވުނު ކަމުގައި ވިޔަސް ފްރާންސްގައި މިހާރު އޮތް ސްކޮޑްގައި ތަޖުރިބާ އެބަހުރި ކަމަށެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެގީ ބެންޒެމާއެވެ. ބެންޒެމާ އަށް އަނިޔާވި ނަމަވެސް އޭނާ ނެތް ތަން ފޫބައްދާނެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށް ވެސް ފްރާންސް ކޯޗު ބުންޏެވެ.

"ކޮންމެވެސް ވަރަކަށް އޮޕްޝަންތައް އެބަހުރި. ކަރީމް ނެތިގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެ،" އޮސްޓްރޭލިއާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސްގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވޭތީ ޓީމުގެ ލީޑަޝިޕާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑެޝޯމްޕްސް ބުނީ ކުޅުންތެރިންނަށް އަނިޔާވުމަކީ އަބަދުވެސް ދިމާވާ ކަންތައްތަކެއް ކަމަށެވެ. އެކަމަކު، ޓީމުގައި އަދިވެސް ސީނިއާ ކުޅުންތެރިންތަކެއް ތިބި ކަމަށް އޭނާ ބުންޏެވެ.

ފްރާންސް ކޯޗު ބުނީ ފަހުގެ ޗެމްޕިއަނުންނަށް ވީތީ އެ ޓީމަށް ކުރިމަތިވާނެ ޕްރެޝަރެއް ނެތް ކަމަށެވެ.

ދުނިޔޭގެ ގަދަ އެއް ބާރު ފްރާންސްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެންގެ ލޯތައް އަމާޒުވާނެ ކުޅުންތެރިއަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަރި ކިލިއަން އެމްބާޕޭ އަށެވެ. ފްރާންސްގެ މުޅި ޓީމު ބިނާވެފައި ވާނީ އެމްބާޕޭއަށެވެ. މި މުބާރާތުގައި އެންމެ ބޮޑު ތަފާތެއް ދައްކާނެ ކަމަށް ބެލެވެނީ ވެސް އެމްބާޕޭއެވެ. އޭނާ މިފަހަރު އުފުލަން ޖެހިފައި ވަނީ މުހިންމު މަސްއޫލިއްޔަތަކާއެވެ.

ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރީ އެމްބާޕޭއެވެ. އޭނާ ވަނީ ރަޝިއާގައި ބޭއްވި ވޯލްޑްކަޕްގައި ހަތް ގޯލް ޖަހައިފައެވެ. ފްރާންސުން އުންމީދު ކުރަނީ، އެ ކުޅުން މިފަހަރު ވެސް އެމްބާޕޭ ދައްކާނެ ކަމުގައެވެ.

"އެމްބާޕޭއަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް، މީގެ ހަތަރު އަހަރު ކުރިން އޭނާ ވަނީ ވަރަށް މުހިންމު ކަންތައްތަކެއް ކޮށް ދީފައި." ފްރާންސްގެ ކޯޗު ބުންޏެވެ.

ފްރާންސް ކޯޗު ބުނީ އެ ޓީމުގައި ތަފާތު ދައްކާނެ ކުޅުންތެރިއަކަށް ހުރީ އެމްބާޕޭ ކަމަށެވެ. އަދި ފްރާންސަށް ބޭނުން ވަނީ އެމްބާޕޭގެ އެހީތެރިކަން ކަމަށް ވެސް ކޯޗު ބުންޏެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ 2-1 އިން ފްރާންސެވެ. އެކަމަކު، އެއީ ފްރާންސަށް ކުރިމަތިވި ވަރަށް ވަރުގަދަ އިމްތިހާނެކެވެ.

ފްރާންސާއި އޮސްޓްރޭލިއާ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.