ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ގައި މިރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، މެކްސިކޯއިން ފާއިތުވި ހަ ވޯލްޑުކަޕުގައިވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ދަށްވެފައިނުވުމުގެ ރިކޯޑް ދަމަހައްޓާފައެވެ.

ވޯލްޑުކަޕްގެ ގްރޫޕް ސީގެ ފޭވަރިޓުން ކަމަށްވާ އާޖެންޓީނާ ހައިރާންކުރަނިވި ގޮތަކަށް ސައުދީ އަރަބިއްޔާ ކައިރިން ބަލިވުމުން މި ރޭ ކުޅޭ ދެ ޓީމަށްވެސް ގްރޫޕުގެ އެއްވަނަ ލިބުމުގެ ފުރުސަތު ބޮޑުވުމާއެކު ދެ ޓީމުންވެސް މެޗުގެ ކުޅުން ފަށާފައިވަނީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ފަސް މިނެޓުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ މެކްސިކޯ އިންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި ޕޮލެންޑަށް ލިބުނު ކޯނަރަކުން ލެވެންޑޯސްކީގެ ބޮލުން ވަނީ ގޯލަށް ނުރައްކާތެރި ހަމަލާއެއް އަމާޒުކޮށްފައެވެ. ނަމަވެސް މެކްސިކޯގެ ޑިފެންސުން ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.

މެޗު ފެށިގެން 15 މިނެޓް ހިނގިއިރު ފެނުނީ ދެ ޓީމުން ވެސް ވަރަށް އެއްވަރުގެ ކުޅުމެއް ކުޅެމުންދާތަނެވެ. އަދި ދެޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން ކުރަމުން ދިޔަ މަސައްކަތް އިދިކޮޅުން ނާކާމިޔާކޮށްލާ ތަނެވެ.

ފުރަތަމަ ހާފްގެ މެދަކާއި ހަމައަށް ދިޔަ އިރު ދެފަރާތުންވެސް އުފައްދާފައިވަނީ އެއްމެ ހަމަލާއެކެވެ.

މެޗްގެ 25 ވަނަ މިނެޓުގައި މެކްސިކޯގެ ހެރޭރާ ނެގި ވަރަށް ރީތި ހުރަހަކުން ވޭގާ ބޮލުން ވަނީ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ދެ ޓީމުންވެސް މި މެޗުގައި ފައުލްތައް ހަދަމުންދިޔަ ތަން ފެނުނެވެ. އެގޮތުން މެޗުގެ ފުރަތަމަ ރީނދޫ ކާޑު މެކްސިކޯގެ ސަަންޗޭޒް އަށް 28 ވަނަ މިނެޓްގައި ވަނީ ދައްކާފައެވެ.

މެޗުގެ ތިރީސް މިނެޓް ހަމަވެގެން ދިޔަ އިރު އިނގިރޭސި ޕްރިމިއަރ ލީގުގެ އެޝްޓަން ވިލާ އަށް ކުޅޭ ޕޮލެންޑުގެ މެޓީ ކޭޝްގެ ކުޅުން ވަރަށް ބޮޑަށް ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ ވަނީ މެކްސިކޯގެ ހާފް ތެރެއަށް ނުރައްކާތެރި ތިން ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅު މެކްސިކޯއިން ވަނީ އެމީހުންގެ ކުޅުން އިތުރަށް ވަރުގަދަކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. 45 ވަނަ މިނެޓުގައި ސަންޗޭޒް ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ބޯޅަ ޕޮލެންޑުގެ ތަޖުރިބާކާރު ގޯލްކީޕަރު ޝެޓްޒްނީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރުވެސް ޕޮލެންޑުގެ ލެވެންޑޯސްކީއަށް އަދި މާ ރަނގަޅު ކުޅުމެއް ދައްކާނެ ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފް ޕޮލެންޑުން ފެށީ ބަދަލަކާއި އެކުގައެވެ. ޒެލޫސްކީގެ ބަދަލުގައި ކުޅެން އަރާފައިވަނީ ބެއިލިކް އެވެ.

މެޗުގެ ދެވަނަ ހާފް މެކްސިކޯއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލަޒާނޯ ވަނީ ވަރަށް ރީތި ހަމަލާއެއް ޕޮލެންޑުގެ ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް ކީޕަރު ޝެޓްޒްނީ ވަނީ ވަރަށް ހުށިޔާރުކަމާއެކު އެ ބޯޅަ މަތަކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޕޮލެންޑުގެ ސްޓާ ސްޓްރައިކަރު ލެވަންޑޯސްކީ އަށް މެކެސިކޯގެ ޕެނެލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ޕޮލެންޑަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ޕެެނެލްޓީ ދީފައިވަނީ ރެފްރީ ވީއޭއާރުން ބެލުމަށްފަހުގައެވެ. ނަމަވެސް ލެވެންޑޯސްކީ ޖެހި ޕެނެލްޓީ މެކްސިކޯގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ލެވެންޑޯސްކީގެ މި ޕެނަލްޓީ ނަާކާމިޔާބުވުމުން ޕޮލެންޑަށް ވޯލްޑުކަޕުގައި އެންމެ ފަހުން ލިބުނު ތިން ޕެނެލްޓީވެސް ވަނީ ނާކާމިޔާބު ވެފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މެކްސިކޯގެ މާޓިނޭޒް ފޮނުވާލި ބޯޅަ މެކްސިކޯގެ ކުޅުންތެރިއެއްގެ ގެ ބޮލުގައި ޖެހިފައި ގޯލަށް ވަރަށް ނުރައްކާތެރި ގޮތަކަށް ވަނީ ގޮސްފައެވެ. ނަމަވެސް ޝެޓްޒްނީ ވަނީ ހުޝިޔާރުކަމާއެކު މި ބޯޅަ ގޯލަށް ވަނަ ނުދީ ހިފަހައްޓާފައެވެ.

ޕޮލެނޑުގެ ހާފުގައި ވަރަށް ރަނގަޅަށް ކުޅުމަށް ފަހު 64 ވަނަ މިނެޓްގައި މެކްސިކޯ ގެ ވަރްގާ ވަނީ އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ ވަނީ ގޯލަށް ސީދާ ނުވެ މަތީ ދަނޑީގެ މަތިން ބޭރަށް ގޮސްފައެވެ.

މެކްސިކޯއިން 71 ވަނަ މިނެޓުގައި ވަނީ 2 ކުޅުންތެރިން ބަދަލުކޮށްފައެވެ. ހެރޭރާ ގެ ބަދަލުގައި ކުޅެން އަރާފައިވަނީ ރޮޑްރިގޭޒް އެވެ. އަދި މާޓިން ގެ ބަދަލުގައި އަރާފައިވަނީ ހިމެނޭޒް އެވެ.

ހަމަ އެއާާއެކު 72 ވަނަ މިނެޓްގައި ޕޮލެންޑުންވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ސިޒްމަންސްކީގެ ބަދަލުގައި ކުޅެން އަރާފައިވަނީ ފްރޭންކޯސްކީ އެވެ.

މެކްސިކޯގެ ކާލޮސް ވޭގާ ވަނީ 79 ވަނަ މިނެޓްގައި އަނެއްކާވެސް ޕޮލެންޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ޕެނެލްޓީ އޭރިއާ ބޭރުން ވޭގާ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލަށް އަމާޒުނުވެ ގޯލުގެ މަތިންނެވެ.

މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޕޮލެންޑުގެ މިންސްކް ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަަވެސް މި ހަމަލާ މެކްސިކޯގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި މެކްސިކޯއިންވަނީ ޕޮލެންޑުގެ ގޯލަށް 4 ހަމަލާ ވަނީ ފޮނުވާލާފައެވެ. އަދި އަމާޒަށް ސީދާވެފައިވަނީ 3 ހަމަލާއެވެ. އަދި މުޅި މެޗުގައިވެސް ޕޮލެންޑަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމަލާއަކީ މެކްސިކޯގެ ކީޕަރު މަތަކުރި ޕެނެލްޓީއެވެ. މެޗުގައި ޕޮލެންޑަށް 5 ކޯނަރު ލިބިފައިވާއިރު މެކްސިކޯއަށް 6 ކޯނަރު ވަނީ ލިބިފައެވެ.

މިމެޗުން އެއްވަރުވުމުން އެއް ޕޮއިންޓާއި އެކު ޕޮލެންޑާއި މެކްސިކޯ މިހާރު އޮތީ ގްރޫޕް ސީގެ ދެވަނަ އަދި ތިން ވަނައިގައެވެ. މިއަދު ހަވީރު އާޖެންޓީނާ އާއި ސައުދީ ބައްދަލުކުރި މެޗުން މުޅި ދުނިޔެ ހައިރާން ކޮށްލާ ސައުދީން ކާމިޔާބު ކޮށް، އެ ޓީމުން ވަނީ 3 ޕޮއިންޓް ހޯދާ ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. މި މޮޅާއެކު ސައުދީ ވެފައިވަނީ ވޯލްޑްކަޕެއްގައި އާޖެންޓީނާގެ ކޮޅަށް އެއް ގޯލަށްވުރެ ގިނަ ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޤައުމަށެވެ. އަދި އެ ޓީމުން ވަނީ މެޗުން މޮޅުވެ އާޖެންޓީނާގެ 36 މެޗުން ބަލިނުވެ އޮތް ރިކޯޑު މުގުރާލާފައެވެ.

މިމުބާރާތުގައި ދެން ޕޮލެންޑް ބައްދަލުކުރާނީ މިމަހުގެ 26 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އާއެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ނުކުންނާނީ އާޖެންޓީނާ އާ ދެކޮޅަށެވެ. މި މެޗް ވަނީ އާޖެންޓީނާ އަށާއި އަދި ޕޮލެންޑަށް ވެސް މުބާރާތުގައި ކުރިއަށް ދިޔުމަށް ވަރަށް މުހިންމު މެޗަކަށެވެ.

މިމުބާރާތުގައި ދެން މެކްސިކޯ ބައްދަލުކުރާނީ މިމަހުގެ 27 ވަނަ ދުވަހު އާޖެންޓީނާ އާއެވެ. އަދި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ނުކުންނާނީ ސައުދީއާއި އާ ދެކޮޅަށެވެ. މި މެޗު މެކްސިކޯއަށްވެސް ވަރަށް މުހިންމު ވާނެއެވެ.

މިރޭ އަދި މުބާރާތުގެ އެއް މެޗު އޮންނާނެއެވެ. މިރޭ 12 ޖަހާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށް ނުކުންނާނީ އޮސްޓްރޭލިއާއެވެ.

މުބާރާތުގައި މާދަމާ މެންދުރުފަހު 3 ޖަހާއިރު ބައްދަލުކުރާނީ މޮރޮކޯ އަދި ކްރޮއޭޝިއާއެވެ. އަދި އިރުއޮއްސި 6 ޖަހާއިރު ޖަރުމަނުވިލާތާއި ޖަޕާން ބައްދަލުކުރާއިރު ރޭގަނޑު 9 ޖަހާއިރު ސްޕެއިން ނުކުންނާނީ ކޮސްޓަރިކާ އާއި ދެކޮޅަށެވެ. އަދި މެންދަމު 12 ޖަހާއިރު ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗު ފެށިގެންދާނެއެވެ.