ކެނެޑާ ފުޓްބޯޅަ ޓީމަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމް އާއި ކެނެޑާ ހިމެނެނީ ގްރޫޕް އެފްގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މޮރޮކޯ އާއި ކްރޮއޭޝިއާއެވެ. ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ބައްދަލު ކުރާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ކެނެޑާއާ ދެކޮޅަށެވެ.

މިއީ 36 އަހަރު ފަހުން ކެނެޑާ މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ކެނެޑާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުނީ 1986 ވަނަ އަހަރެވެ. އޭގެ ފަހުން އެ ޓީމު މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ.

އެންމެ ފަހުން ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމަށް ލިބުނީ ތިން ވަނައެވެ. އެހެންވެ، ބެލްޖިއަމަކީ މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެއް ފޭވަރިޓެވެ.

"އަހަރުމެން ކެނެޑާ އަށް ކުރާ އިހްތިރާމް ވަރަށް ބޮޑު. އެއީ އެމެރިކާ އާއި މެކްސިކޯ ފަދަ ޓީމުތައް ފަހަތަށް ޖައްސާލުމަށް ފަހު، ކޮލިފައިން ގްރޫޕްގެ އެއްވަނައިގައި އެ ޓީމު އޮތީ. އެއީ އިއްތިފާގަކުން ވީ ކަމެއް ނޫން،" ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

މާޓިނޭޒް ބުނި ގޮތުގައި ކެނެޑާ ޓީމުގެ ކުޅުންތެރިން ކުޅެނީ ޓީމެއްގެ ގޮތުގައެވެ. އެއީ ހަމަ ހުރެލާފައި ވޯލްޑް ކަޕަށް އައިސް ކުޅެލާ ކުޅުންތެރިން ތިބި ޓީމެއް ނޫން ކަމަށް ވެސް ބެލްޖިއަމް ކޯޗު ބުންޏެވެ.

ފީފާ ވޯލްޑް ރޭންކިންގައި ބެލްޖިއަމް އޮތީ ބްރެޒިލްގެ ފަހަތުން ދެ ވަނައިގައެވެ. އެކަމަކު، އެންމެ ފަހުން މިސްރާ އެކީގައި ބެލްޖިއަމް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި 2-1 އިން ބެލްޖިއަމް ވަނީ ބަލިވެފައެވެ. މާޓިނޭޒް ބުނެފައި ވަނީ ރަހްމަތްތެރިކަމުގެ އެ މެޗަކީ މުހިންމު މެޗެއް ކަމަށެވެ. އަދި ބެލްޖިއަމް އެ މެޗުން ބަލިވުމަކީ ވޯލްޑް ކަޕަށް އާ ރޫހެއްގައި ނުކުންނަން ޖެހޭ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

މި މެޗާ ކުރިމަތިލާ އިރު، ބެލްޖިއަމް އަށް ވެސް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ޓީމުގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. އެކަމަކު، މާޓިނޭޒް ބުނެފައި ވަނީ މި ވޯލްޑް ކަޕްގައި ލުކަކޫ ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ލުކަކޫގެ އިތުރުން ރެއާލް މެޑްރިޑްގެ ތަރި އެޑެން ހަޒާޑްގެ ފިޓްނަސް އާއި ފޯމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެކަމަކު ބެލްޖިއަމްގެ ތަޖުރިބާކާރު ޑިފެންޑަރު ޔަން ވެޓަންގަން ފިޓްކޮށް ހުރުމަކީ ބެލްޖިއަމް ޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.